ޚަބަރު

ބީއެމްއެލްގެ ބޯޑަށް ޝަރީފު އައްޔަންކުރުމަށް ޚާއްސަ އާންމު ޖަލްސާއެއް ބާއްވަނީ


  • ޑިރެކްޓަރުންގެ ބޯޑަށް ޝަރީފް އައްޔަންކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައި

  • ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހު

  • ހާއްސަ އާންމު ޖަލްސާ އޮންނާނީ "ފަހިވޯޓް" މެދުވެރިކޮށް

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ޝަރީފު އައްޔަންކުރުމަށް ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހު 2:30ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28ވަނަ ދުވަހުގެ މެންދުރުފަހުގެ 2:30ގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާގޮތުން، ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން މަދުވެގެން 8 ޑިރެކްޓަރުންނަކީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރުންކަމުގައި ވާންޖެހެއެވެ. އަނެއް 3 މެންބަރުންނަކީ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ މެންބަރުންނެވެ.

ލިސްޓެޑް ކުންފުނިތަކުން އަމަލުކުރުމަށް ލާޒިމުކުރާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން ދެ އެގްޒެކެޓިވް ޑިރެކްޓަރުން ހިމަނަން ޖެހޭނެއެވެ. މީގެ ތެރެއިން އެއް މެންބަރަކީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގައި ވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ކާރލް ސްޓުމްކަ ވަނީ 21 ސެޕްޓެމްބަރުގައި މަގާމުން އިސްތިއުފާ ދެއްވައި، ބީއެމްއެލްގެ ބޯޑުން ވަކިވެފައެވެ.

މިމަހުގެ 16ވަނަ ދުވަހު ބީއެމްއެލްގެ ބޯޑުން ވަނީ ބޭންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް މުޙައްމަދު ޝަރީފް އައްޔަންކޮށްފައެވެ. އަދި ސަރުކާރުގެ ފަރާތުން އައްޔަންކުރާ 8 ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ 2 މަގާމު ގެ ތެރެއިން އެއް މަގާމަށް މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ޝަރީފަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯއެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލުން ސީއީއޯއިންގެ އިތުރުން ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމްވެސް ޝަރީފް ވަނީ ފުރިހަމަކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމްވެސް އަދާކުރައްވާފައެވެ.

ބީއެމްއެލުން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައިވެސް މަސައްކަތްކުރައްވާފައެވެ.