ތައިލެންޑުގައި ވެރިކަން ކުރާ ފިޔު ތައި ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ހިންގަން އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ނިންމާފައިވާ ކަން ހާމަވެއްޖެއެވެ. ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތުގެ ފިޔު ތައި ޕާޓީގެ ބާނީއަކީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތެވެ. ތައިލެންޑުގެ މީޑިޔާތަކުން ބުނީ, ފިޔު ތައި ޕާޓީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ, އެ ޕާޓީ އުވައިލަން އިންތިޚާބީ އިދާރާއިން ނިންމުމަކީ ގާތްކަމެއް ކަމުގައެވެ.
ފިޔު ތައި ޕާޓީގެ މައްޗަށް އުފުލިފައިވާ ތުހުމަތަކީ, ޕާޓީގެ ހިންގުމާއި ހަރަކާތްތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ތަކްސިނަށް ދިނުމެވެ. އެ ކަން ތަޙުޤީޤު ކުރުމަށް އިންތިޚާބުތަކާ ބެހޭ އިދާރާއިން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމުގައި, ނަން ހާމަކޮށްފައި ނުވާ މަޞްދަރުތަކާ ޙަވާލާދީ ތައިލެންޑުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.
ފިޔު ތައި ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ހިންގުމަށް އިންތިޚާބުތަކާ ބެހޭ އިދާރާއިން ނިންމާފައި މި ވަނީ, އެހެން ސިޔާސީ ޕާޓީއެއް ކަމުގައިވާ މޫވް ފޯވަރޑްގެ މައްޗަށް ހިންގި މި ފަދަ އެހެން ތަޙުޤީޤަކަށް ފަހު, އެ ޕާޓީ އުވައިލާފައިވާ ދަނޑިވަޅެއްގައެވެ. ތައިލެންޑުގައި ހުސްވި އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ މޫވް ފޯވަރޑް ޕާޓީންނެވެ. ނަމަވެސް, ހުސްވި އޮގަސްޓު މަހު އެ ޕާޓީ އުވައިލުމަށް ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ ނިންމާފައެވެ.
15 އަހަރު ޤައުމުން ބޭރުގައި އަރުވައިލެވިގެން ހުންނެވުމަށް ފަހު ތަކްސިން އެނބުރި ޤައުމަށް ވަޑައިގަންނަވާފައި ވަނީ އޭނާގެ ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ. ތަކްސިންގެ ދަރިކަނބަލުން ޕޭޓޮންގޓާން ބޮޑު ވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ, ސެއްތާ ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި, ތައިލެންޑުގެ ދުސްތޫރީ ކޯޓުން އޭނާ މަޤާމުން ދުރު ކުރުމާ ގުޅިގެންނެވެ.
ތަކްސިނަކީ ފިޔު ތައި ޕާޓީގެ ބާނީ ނަމަވެސް, ތައިލެންޑުގެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން, ޕާޓީން ބޭރުގެ އެއްވެސް މީހަކަށް ޕާޓީގެ ހިންގުމާއި ހަރަކާތްތަކަށް ނުފޫޒު ފޯރުވުމަކީ ކުށެކެވެ. ފިޔު ތައި ޕާޓީއަށް ތަކްސިން ބާރާއި ނުފޫޒު ފޯރުއްވަމުން ގެންދަވާ ކަމަށް އިންތިޚާބުތަކާ ބެހޭ އިދާރާގެ ތަޙުޤީޤަށް ހާމަވެއްޖެ ނަމަ, އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ދުސްތޫރީ ކޯޓަށް ހުށަހަޅާނެއެވެ.