ޚަބަރު

ޚަރަދުތައް ފޫބެއްދުމަށް މިއަހަރު 5 ބިލިޔަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ


  • ސަރުކާރުން ލަފާ ކުރަނީ ރައީސް އެޅުއްވި ފިޔަވަޅުތަކާއި އެކު ހުށަހަޅަން ޖެހޭ ބަޖެޓު ކުޑަވާނެ ކަމަށް

  • ސަރުކާރުން ލަފާ ކުރަނީ ހުށަހަޅަން ޖެހޭނީ 5 ބިލިއަން ރުފިޔާ ބަޖެޓެއް ކަމަށް

މި އަހަރަށްވެސް ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދަޅުވީ ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު ވަނީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި އެކު، ޚަރަދުތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މިއާއެކު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަޖެޓު ވީހާވެސް ކުޑަކޮށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚަރަދުކުޑަ ނުކުރެވިއްޖަނަމަ ސަޕްލިމެޓަރީ ބަޖެޓު 10 ބިލިއަން ރުފިޔާއަށް އަރައިގެން ހިންގައިދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު ރައީސުލްޖުމްހޫރީއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު އެއަދަދަށް ނާރާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ސަޕްލިމެންޓްރ ބަޖެޓެއްގެ މަސައްކަތް ކުރަމުން އެބަދަން. އަޅުގަނޑަށް ހީވަނީ 5 ބިލިއަން ރޭންޖުގައި ހެން އަޅުގަނޑުމެން މިދާގޮތުންނަމަ، ތިރިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް. 10 ބިލިއަނަކަށް ނުދާނެ. އަޅުގަނޑުމެން ފޯކާސްޓުތަކުން ދައްކަނީ ރެޝަނަލައިޒް ސްޕެންޑިން ކުރެވި ރައީސްގެންނެވި ހަރުދަނާ އިސްލާހުތަކާއި އެކުގައި" ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން 5 ބިލިއަން ރުފިޔާގެ ސްޕްލިމެންޓްރީ ބަޖެޓަކަށް އަންދާޒާ ކޮށްފައިވާއިރު، ސީދާ ހުށަހަޅާނެ އަދަދެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ވަޒީރު ވިދާޅުވި އަދަދު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

މި ވޭތުވެދިޔަ އަހަރުތަކުގައި، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ ކޮންމެ އަހަރަކުވެސް ދިޔައީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަމުންނެވެ. މިކަމާއި ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އުޝާމް ވަނީ މިވީހާތަނަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަމުން އައީ ޤާނޫނާއި ޚިލާފަށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޚަރަދުތައް ކުރުމަށް ފަހު އެ ޚަރަދުތައް ފޫބެއްދުމަށް މަޖިލީހަށް ބަޖެޓު ހުށަހަޅާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 5 ވަރަކަށް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއެވެ.