ޚަބަރު

މާލީ ބޮޑު މައްސަލަތަކެއް، ބަޖެޓުގެ ބޭރުން އެތައް ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައި


  • ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރުމުގެ މައްސަލަތަކެއް ފާހަގަވި

  • މަޝްރޫޢުތަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވޭ

  • މިކަމުގައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވޭ

ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވުމާއި އެކު މާލީ ވުޒާރާއިން ވަނީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މަޑުޖައްސާލާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވާޒީރު މޫސާ ޒަމީރު ވިދާޅުވީ އެ ރިޕޯޓު ނެރުން މަޑުޖައްސާލީ ޤައުމުގެ ފިސްކަލް އެކައުންޓްސް އަކީ ތެދު މައުލޫމާތުމައްޗަށް އާންމުކުރެވޭ ރިޕޯޓަކަށް ހެދުމަށް ކަމަށެވެ.

މާލީ ވަޒީރު ވިދާޅުވީ މިދިޔަ އަހަރާއި އަދި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިޔަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށެވެ. އަދި އިތުރު ބިލުތަކެއްވެސް ހުރެދާނެ ކަމަށް ބެލެވޭތީ އެކަންތައް ބަލާދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

"މިއަހަރުގެ ބަޖެޓުގައި ހިމަނައިފިނަމަ 2 ބިލިޔަން ރުފިޔާ އިތުރުވާނެ، މިކަމުގައި އޮޑިޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލްގެ ލަފާއާއި އެކު ކަމުގައި އަމަލުކުރާނެގޮތެއް ނިންމާނީ" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި 3 ބިލިއަނެއްހާ ރުފިޔާ ވަނީ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

"ކުދި އަދަދެއް ބަޖެޓުގައި ޖަހާފައި، އެއަށްވުރެ ބޮޑަށް ޚަދަރު މިކުރަނީ، މިއީ ޤާނޫނާއި ގަވާއިދުތަކާއި ހިލާފު ކަންތައްތައް" ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ މި އަދަދުތައް މިއަހަރުގެ ބަޖެޓުގައި ހިމެނުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ޤާނޫނުގައި ވަރަށް ސާފުކޮށް 90 ވަނަ މާއްދާފައި ބަޔާންކޮށްފައިވޭ، އެ އަހަރެއްގެ ބަޖެޓާއި އެއްގޮތަށޭ ޚަރަދުކުރަންވާނީ، ބަޖެޓަށްވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ،" އުޝާމް ވިދާޅިވއެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވީ މި މައްސަލަ އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާފައިވާއިރު، ކުރިއަށްއޮތް 2 ނޫނީ 3 ހަފްތާތެރޭގައި ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ. އެ ރިޕޯޓަށް ބެލުމަށްފަހު މިކަމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ. ބަންޑާރަ ނައިބު ވިދާޅުވީ މިކަމުގައި ޤާނޫނާ ހިލާފުވީ ފަރާތްތަކުގެ މައްސަލަ ބަލާ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި، މިއީ އެހާ ފައްސޭހައިން ދޫކޮށްލާ ކަމަކަށްވެގެން ނުވާނެ، ކުރިއަށް އޮތްތާގައި މިކަންތައް ތަކުރާރުވިޔަ ނުދިނުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނަން" ވަޒީރު އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުންވެސް ޚަރަދުކުރަން ޖެހޭނީ ބަޖެޓު މަޖިލީހަށް ހުށަހަޅައިގެންކަމަށެވެ. އެހެން ނަމަވެސް މި ފާއިތުވީ 3 އަހަރުވެސް އެކަންކޮށްފައިވާނީ އެގޮތަށް ނޫން ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަކީ މިފަދަ ކަންތައްތައް ގާނޫނާއި ހިލާފަށްކޮށްފައިވުމުން ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.