ދުނިޔެ

އެކްސިޑެންޓްތަކުގެ ސަބަބުން 140 ހާސް މަރު !


އިންޑިޔާގައި މިދިޔަ އަހަރު ހިގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގައި ސަތޭކަސާޅީސް ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

މިއީ ކުރީ އަހަރަށްވުރެ ހަތަރެއް ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު އަދަދެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ސަރުކާރުން ނެރެފައިފާ ތަފާސް ހިސާބުތަކާ ހަވާލާދީ ޚަބަރުތައްބުނާ ގޮތުން އިންޑިޔާގައި މިދިޔަ އަހަރު ފަސް ލައްކަޔަށްވުރެ ގިނަ މަގުމަތީގެ އެކްސިޑެންޓް ހިގާފައިވާއިރު، އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އުމުރުން ފަނަރަ އަހަރާ ތިރީސް ފަސްއަހަރާ ދެމެދުގެ ޒުވާނުންކަމަށެވެ. އިންޑިޔާގައި މަގުމަތީގެ އެކްސީޑެންޓްތަކަކީ އާންމު ކަމަކަށްވާއިރު، އެކްސިޑެންޓްތައް ގިނަވަނީ، މަގުތައް އެކަށީގެންވާ ފެންވަރަކަށް ހަދާފައި ނެތުމުންކަމަށް ބެލެވެއެވެ. 

އިންޑިޔާގެ މިނިސްޓްރީ އޮފް ރޯޑް ޓްރާންސްޕޯޓް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި ދެހާސް ފަނަރަ ވަނަ އަހަރު މަގުމަތީގެ އެކްސީޑެންޓްތަކުގައި ޖުމްލަ އެއްލައްކަ ސާޅީސް ހަހާސް އެއްސަތޭކަ ތިރީސް ތިން މީހުން މަރުވެފައިވެއެވެ. މިފަދަ އެކްސިޑެންޓްތަކުގައި 2014 ވަނަ އަހަރު މަރުވި މީހުންގެ އަދަދަކީ ސަތޭކަ ތިރީސް ނުވަހާސް ހަސަތޭކަ ހަތްދިހަ އެކެކެވެ.

އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު ތަފާތު އަނިޔާތައް ލިބުނު މީހުންގެ އަދަދަކީ ފަސްލައްކަ ދުއިސައްތަ ހަތްދިހަ ނުވައެކެވެ.