ޚަބަރު

އެސެޓު ބެކްޑް އޮންލައިން ފައިސާ ބޭނުންކުރުމާއިގުޅޭ ޤަވާއިދެއް އެކުލަވާލަނީ


  • މިއީ މާލީ ދާއިރާ ޑިޖިޓަލް ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް

  • ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ

ދިވެހި ރުފިޔާގެ ބަދަލުގައި އަމިއްލަ ވިޔަފާރިތަކުން، ތަޢާރަފްކުރާ ރުފިޔާ، ބެކްޑް ނުވަތަ އެސެޓް ބެކްޑް އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާއިގުޅޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަޙުމަދު އިމާދު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ގަވަރުނަރު މިހެން ވިދަޅުވީ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ މާލީ ނިޒާމު ޑިޖިޓަލްކުރުމަށްޓަކައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އިތޯރިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ވަނީ ގާއިމްކޮށްފައެވެ.

މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އަޙުމަދު އިމާދު ވިދާޅުވީ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި މިހާތަނަށް ގިނަ ބޭންކުތަކެއް ގުޅިފައިވާއިރު، އިތުރު ބޭންކުތައްވެސް މި ނިޒާމާއި ގުޅުމަށް އެމްއެމްއޭއިން މަސައްކަތްކުރަމުންދާކަމަށެވެ.

"ފަވަރައިގެ ފުރަތަމަ މަރުހަލާގައި ބޭންކުތަކެއް ގުޅާލީ، އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ ގޮތެއް މިހަދަނީ، އިތުރު ބޭންކުތައް ގުޅުމަށް މަސައްކަތްކުރަމުން މިދަނީ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ދުނިޔޭގައިވެސް ޑިޖިޓަލް ފައިސާއަށް އޮންނަ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކުން، އެސެޓް ބެކްޑް ނުވަތަ ރުފިޔާ ބެކްކޮށް ތަޢާރަފްކުރާ އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާއިގުޅޭ ޖޮއިންޓު ރެގިއުލޭޓަރީ ފްރޭމްވޯކެއް ކެޕިޓަލް މަރކެޓު ޑިވެލޮޕްމަންޓު، ސީއެމްޑީއޭއާއި ގުޅިގެން އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

"އެސެޓެއް ބެކްޓު ކޮއިންސްއަށް މި ފުރުޞަތުދެނީ، މި ގަވާއިދާއި އެކު ރާއްޖޭގެ މަރކެޓަށް ވަރޗުއަލް އެސެޓްސް ފޯރުކޮށްދޭނެ މެކޭނިޒަމެއް ނުވަތަ ލައިސެންސިންގ މެކޭނިޒަމެއް، ކުރިއޭޓުވެގެން އަންނާނީ، އޭގެ މާނައަކީ އިނޮވޭޓަރސް ރާއްޖޭގެ ފައިސާއާއި ބެކްޓު ކޮއިންއެއް ނުވަތަ ސްޓޭބަލް ކޮއިންއެއް ތަޢާރަފްކުރަންވީއޭ" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ އިޖާދީ ގޮތްތަކަށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު، އަމިއްލަ ފަރާތްތަކުން ރުފިޔާ ނުވަތަ އެސެޓަކަށް ބެކް ނުކޮށް ފޯރުކޮށްދޭ ކްރިޕްޓޯ ކަރަންސީއަށް މަރުކަޒީ ބޭންކުން ހިތްވަރުނުދޭނެ ކަމަށެވެ.

ކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ބައެއްގެ ކޮންޓްރޯލެއް އޮންނަ ފައިސާއެއް ނޫނެވެ. އަދި ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކުތަކުންވެސް ކްރިޕްޓީ ކަރަންސީއަކީ ބަލައިގަންނަ ނިޒާމެއް ނޫނެވެ. އެއީ މި ފައިސާ އަކީ އެއްވެސް އެސެޓަކަށް ނުވަތަ ސެންޓްރަލް ބޭންކަކުން އިޝޫކޮށްފައިވާ ފައިސާއަކަށް ބެކްކޮށްފައިވާ އެއްޗަކަށް ނުވުމެވެ.