ޚަބަރު

ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ބޮންއަޅައި 33 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ހުންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ރަޙުމު ކުޑަ ޙަމަލާތަަކެއްގައި 33 މީހުން ޝަހީދުކޮށްލައި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. ޣައްޒާގައި ހުންނަ އަށް ރެފިއުޖީ ކޭމްޕުުގެ ތެރެއިން ޖަބާލިޔާއަކީ އެންމެ ބޮޑު ކޭމްޕެވެ. އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުން ޖަބާލިޔާ ވަށައިލާފައިވާއިރު, ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތި އެތަކެއް ހާސް ބަޔަކު ވަނީ އެ ތަނުގައި ތާށިވެފައެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ޖަބާލިޔާގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި 85އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި, ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުވެ, ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ތާށިވެފައިވާއިރު, ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އުފުލޭނެ ކަމަށް ބެލެވޭ ކަމުގައެވެ. ވަފާ ނޫސް އޭޖެންސީން ބުނީ, ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައެވެ.

ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޖަބާލިޔާގެ އިތުރުން މަޣާޒީ ރެފިއުޖީ ކޭމްޕަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 40އަށް އަރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މީގެ އިތުރުން, ޣައްޒާގައި އުތުރުގައި އޮންނަ އަލް-ޢަވްދާ ހަސްފަތާލާއި ކަމާލް ޢަދްވާނީ ހަސްފަތާލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅައި, ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޖަބާލިޔާގައި ތާށިވެފައިވާ ތިބި ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން އެ ކޭމްޕުގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, އެއްވެސް ބެލުމެއް ނެތި, ޢާންމުން ދިރިއުޅޭ ގެދޮރާއި, މަދަރުސާތަކާއި އެހެން އިމާރާތްތަކަށް ޙަމަލާ ދެމުންދާ ކަމުގައެވެ. ބައެއް އިމާރާތްތަކުގައި ގޮވާތަކެތި ހަރުކޮށް, އެ އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައި ވެސް ޖަބާލިޔާގެ ރައްޔިތުން ބުންޏެވެ. ޖަބާލިޔާގެ އިތުރުން ބަޔިތު ޙާނޫނާއި ބަޔިތު ލާހިޔާގައި ވެސް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ދަނީ ޤަތުލުޢާންމު ހިންގަމުންނެވެ. އެ ސަރަޙައްދުތަކުން މުއާޞަލާތީ ޚިދުމަތްތައް ވެސް ވަނީ ކަނޑައިލާފައެެވެ.

ކަމާލް ޢަދްވާނީ ހަސްފަތާލުގެ އޮފިޝަލުން ބުނީ, ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ބޮޑެތި ޒަޚަމުތަކެއް ދީފައިވާ ގިނަ ޢަދަދެއްގެ ބަޔަކަށް އެ ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމުގައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން, އެ މީހުންނަށް ފަރުވާ ދިނުމަށް ކުޑަކުދިންނަށް ޚާއްޞަ ކޮށްފައިވާ އިންޓެންސިވް ކެއަރ ޔުނިޓު (އައިސީޔޫ) ބޭނުން ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އެ ހަސްފާތަލުގެ ގޯތިތެރޭގައި ފޭލިގެ ޖަހައިގެން ދިރިއުޅޭ މީހުންނަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި އޮފިޝަލުން ބުންޏެވެ.

އެ ހަސްފަތާލުގެ ޑިރެކްޓަރު ޙުސާމް އަބޫ ޞަފިއްޔާ ވިދާޅުވީ ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ހުސްވަމުންދާ ކަމުގައެވެ. އަދި, އެ ހަސްފަތާލުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިވެފައިވާ ކަމަށާއި, އެ ތަނުން ޙިމާޔަތް ހޯދަމުންދާ ރެފިއުޖީންނާއި ބަލިމީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނެތް ކަމުގައެވެ. މިއީ, ޣައްޒާގެ ގިނަ ހަސްފަތާލުތަކުގެ މި ވަގުތުގެ ހާލެވެ.

ޖަބާލިޔާއަށް އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި, ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ން ބަލަހައްޓާ މަދަރުސާއަކަށް ވެސް ޔަހޫދީ ފައުޖުން ބޮންއެޅިއެވެ. އެ އިދާރާގެ ވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވަނީ މި ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިއީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން އެ މަދަރުސާއަށް ބޮންއަޅާފައިވާ ތިންވަނަ ފަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އުންރްވާގެ މުވައްޒަފުންގެ އަދަދު 231އަށް އުފުލިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,500އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,546 މީހުން ޒަޚަމު ކޮށްލާފައެވެ.