ޚަބަރު

އެމްއޭސީއެލްއިން ސްކޫލްތަަކަށް ބާއްވާ ފުރަތަމަ "ކެރިއަރ ފެއަރ" ޢާޒީ ސްކޫލުގައި


  • މި ފެއާރ ބޭނުމަކީ އެމްއޭސީއެލްގައި މަސައްކަތް ކުރުމަށް ކުދިން ޝައުޤުވެރިކަން އުފެއްދުން

ސްކޫލްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބާއްވާ ފުރަތަމަ ކެރިއަރ ފެއާ ހުޅުމާލޭގެ ޢާޒީ ސްކޫލުގައި ފަށައިފިއެވެ.

އެމްއޭސީއެލްގެ ފަރާތުން އިންތިމާޒާމުކޮށްގެން ބާއްވާ މި ފެއާ ފައްޓަވައިދެއްވާ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއެއްގައި ހަރަކާތްތެރިވާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެކުންފުނީގައި 52 ދާއިރާއެއްގެ މުވައްޒަފުން މަސައްކަތް ކުރާއިރު ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރާނީ އެމްއޭސީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތައް ސްކޫލް ދަރިވަރުންނަށް އަންގައިދީ އެކުންފުނީގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ މެދުގައި މިހާރުން ފެށިގެންވެސް އުފެއްދުމަށް ކަމަށެވެ.

"އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރާނީ މި ކުންފުނީގައި ހުރި ފުރުސަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގައިދީ، މުސްތަޤުބަލުގައި އެމްއޭސީއެލްގައި މަސައްކަތް ކުރާން އެ ދަރިވަރުން އަންނާނެ މާހައުލެއް ޤާއިމްކުރަން" އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.

"ކެރިއާ ފެއާ" ފެށުމުގެ ރަސްމީއްޔާތުގައި ޢާޒީ ސްކޫލުގެ ޕްރިންސިޕަލް ވަނީ ސްކޫލްތައް މުޖްތަމަޢުއާއި ގުޅުން ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެހަރަކާތް އިންތިޒާމުކުރަން އެމްއޭސީއެލްގެ މެނޭޖްމެންޓުން ދެއްވި އެއްބާރުލުމަށް ޕްރިންސިޕަލް ބަޝީރާ ޝުކުރު އަދާކުރެއްވިއެވެ.

ޢާޒީ ސްކޫލުގައި ކުރިއަށް ގެންދާ ފެއާގެ ތެރެއިން ލަކީ ޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ލަކީ ޑްރޯއިން ހޮވޭ 20 ދަރިވަރަކަށް އެމްއޭސީއެލްގެ މަސައްކަތްތައް ބަލާލަން ދިއުމާއި އެމަސައްކަތްތައް ދަސްކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއްވިއެވެ.

މި ފެއަރ ކުރިއަށްދާނީ މިއަދު 16:00އާ ހަމައަށެވެ.