ޚަބަރު

ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕް: ފައިނަލްގައި ނިއު ޒީލަންޑާއި ދެކުނު އެފްރިކާގެ ކުރިމަތިލުމެއް


ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ނިއު ޒީލަންޑާއި ދެކުނު އެފްރިކާ ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ފައިނަލަށް ނިއު ޒީލަންޑް ދަތުރުކުރީ، އިއްޔެ ކުޅުނު ދެވަނަ ސެމީގައި ވެސްޓް އިންޑީޒް އަތުން އަށް ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އޭގެކުރީ ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާއިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ ސިއްސުވާލުމަށްފަހު އަށް ވިކެޓުން މޮޅުވެފައެވެ.

މިއީ ޓީ20 ވިމެންސް ވޯލްޑް ކަޕްގެ ފައިނަލްގައި ދެކުނު އެފްރިކާ ކުޅޭ ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އޮސްޓްރޭލިއާ އަތުން ބަލިވެފައެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ނިއު ޒީލަންޑުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ ފައިނަލްގައި ނިއު ޒީލަންޑް ބަލިވީ ވެސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އޮސްޓްރޭލިއާ އަތުންނެވެ.

ޝާރްޖާގައި ރޭ ކުޅުނު ދެވަނަ ސެމީގައި ގުރު ދިމާވުމުން ނިއު ޒީލަންޑުން ގަސްދުކުރީ ކުޅެން އަރާށެވެ. އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ ނުވަ ވިކެޓަށް 128 ލަނޑުހަދައިފައެވެ. ނިއު ޒީލަންޑުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑުހެދި ޖޯޖިއާ ޕްލިމާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސުޒީ ބޭޓްސް ވަނީ 26 ލަނޑުހަދައިފައެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް އުކި ޑެއަންޑްރާ ޑޮޓިން ހަތަރު ވިކެޓް ނެގިއިރު، އެ ޓީމުގެ އަފީ ފްލެޗާ ދެ ވިކެޓް ނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ވެސްޓް އިންޑީޒަށް ހެދުނީ 120 ލަނޑެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް ކުޅުނީ ޑެއަންޑްރާ ޑޮޓިން އެވެ. އޭނާ ވަނީ 22 ބޯޅައިން 33 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އަފީ ފްލެޗާ ވަނީ ނުބައިނުވެ 15 ބޯޅައިން 17 ލަނޑުހަދައިފައެވެ. އެ ޓީމުގެ ކެޕްޓަން، ހޭލީ މެތިއުސް ނުބައިވީ 15 ލަނޑަށެވެ. މި އިނިންގްސްގައި ނިއު ޒީލެންޑުން އެންމެ ރަނގަޅަށް އުކީ އެޑެން ކާސަން ވަނީ ތިން ވިކެޓްނަގައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އަމޭލިއާ ކާރ ދެ ވިކެޓްނެގިއެވެ.

ނިއު ޒީލަންޑާއި ދެކުނު އެފްރިކާ ބައްދަލުކުރާ މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭއެވެ.