ޚަބަރު

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ


ނޭޕާލުގައި ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން ބަލިވެއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ލަންކާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖަހައިދިނީ އިމޭޝާއެވެ. އޭގެ ފަހުން މި މެޗުގައި ރާއްޖެއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ލީޑު ފުޅާކުރަން ލަންކާއިން ފޮނުވާލި ބޯޅަތައް ރާއްޖޭގެ ގޯލްކީޕަރު އައިމިނަތު ލީޒާ ވަނީ މަތަކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ގައުމު ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ގުރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި، ލަންކާ އާއި، ބޫޓާން އަދި ރާއްޖެއެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީއަށް ކޮލިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި މީގެ ދެ ދުވަސް ފަހުން ބައްދަލުކުރާނީ ނޭޕާލާ އެވެ. އަދި ގުރޫޕް ފިޔަވަހީގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ.