ޚަބަރު

ފަލަސްތީނުގެ އާންމުންނަށް ގޯނާ ނުކުރުމަށް އެމެރިކާއިން ގޮވާލައިފި


އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ބަޑީގެ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް ގޯނާ ނުކުރުމަށް އެމެރިކާއިން އިސްރާއީލަށް އިލްތިމާސްކޮށްފިއެވެ. 

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާކް ޓާނަރ ވިދާޅުވީ އިސްރާއީލުގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް އިސްރާއީލު ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށާ ނަމަވެސް އޭގެ މާނައަކީ އެފިޔަވަޅުތަކުގެ ޝިކާރައަކަށް ފަލަސްތީނުގެ އާންމުން ހެދުން ނޫންކަމަށެވެ. އިސްރާއީލުގެ ހަތަރު މީހުން މަރުވި އެޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލުގެ ސަރަހައްދުތަކަށް ވަދެ ނިކުތުމުގެ ހުއްދަ ދީފައިވާ ފަލަސްތީނު އަށްޑިހަ ހާހަށްވުރެ ގިނަ އާންމުންގެ ހުއްދަ ބާތިލް ކުރުން ހިމެނެއެވެ. 

އިސްރާއީލުން ގަދަބާރުން ހިފާފައިވާ އިރުމަތީ ގުދްސްއަކީ ވެސް އިސްރާއީލުގެ ބިމެއްގެ ގޮތުގައި އިޢުލާންކޮށްފައިވާ ސަރަހައްދަކަށްވާއިރު އިސްރާއީލަށް ވަނުމުގެ ހުއްދަ ބާތިލު ކުރި އަށްޑިހަ ހާސްމީހުންގެ ތެރެއިން ގިނަމީހުންނަކީ އެސަރަހައްދުގައި ހުންނަ މާތްވެގެންވާ މަސްޖިދުލްއަގްސާގައި ނަމާދުކޮށް އަޅުކަން ކުރުމުގެ ހުއްދަދީފައިވާ މީހުންނެވެ. މީގެއިތުރުން އިސްރާއީލުން ވަނީ ޓެލްއަވީވުގެ ޙަމަލާތަކުގައި ބައިވެރިވި ފަލަސްތީނުގެ ދެ މީހުންގެ އާއިލާތައް ދިރިއުޅޭ ގެތައްވެސް ތަޅައި ބިމާހަމަކޮށް އެއާއިލާތައް މަގުމަތިކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. 

މީގެއިތުރުން ޓެލްއަވީވުގެ ޙަމަލާތަކާ ގުޅިގެން ހައްޔަރުކުރި ފަލަސްތީނު ދެމީހުންގެ ރަށްކަމަށްވާ "ޔަތާ" ވެސް އިސްރާއީލު ސިފައިންވަނީ ހިސާރުކޮށްފައެވެ. "ޔަތާ" އަކީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސިޓީއެއްކަމަށްވާ ޚަލީލުގެ ދެކުނުގައިވާ ރަށެކެވެ. ޓެލްއަވީވުގެ ޙަމަލާތަކަށްފަހު އިސްރާއީލު ސިފައިން ވަނީ ބަރު ހަތިޔަރާއެކު "ޔަތާ" އަށް އަރައި އެރަށުގެ ރައްޔިތުންނަށް ޖެއްސުން ކުރުމާއި ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގަންފަށާފައެވެ. 

ޓެލްއަވީވުގެ ވިޔަފާރި ސަރަހައްދަށް ބުދަދުވަހު ދިން ބަޑީގެ ޙަމަލާތަކުގައި އިސްރާއީލުގެ ހަތަރުމީހުން މަރުވެ ހަމީހުން ޒަޚަމްވެފައިވާއިރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އެއީ ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ސިފަކުރައްވައި އެޙަމަލާތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ފަލަސްތީނު ދެމީހުންގެ ޙަމަލާތައް އަމާޒުކުރި ޓެލްއަވީވުގެ "ޝާރޫނާ" ސަރަހައްދަކީ ވިޔަފާރިއާއި ކުޅިވަރުގެ މަރުކަޒުތައް ހުންނަ ލަގްޒަރީ ސަރަހައްދެކެވެ. 

އިސްރާއީލު ސިފައިންގެ ޖެނެރަލް ކޮމާންޑާއި ދިފާއީ ވުޒާރާވެސް ހުންނަނީ އެސަރަހައްދުގައެވެ. ޓެލްއަވީވަށް ބަޑީގެ ޙަމަލާތައްދިން ފަލަސްތީނު ދެމީހުން ތިބީ ޔަހޫދީ ދީނީ މީހުން އަޅައިގެން ތިބޭ ޒާތުގެ ހެދުމެއް އަޅައިގެން "ޝާރޫނާ" ސަރަހައްދުގެ ރެސްޓޯރެންޓެއްގައެވެ. އެ ހަމަލާތައް ދިން ފަލަސްތީނުގެ ދެމީހުން ވަދެތިބި ރެސްޓޯރެންޓަކީ އިސްރާއީލުގެ އަސްކަރީ އޮފްސަރުންނާއި ދިފާއީ ވުޒާރާގެ މަސްއޫލުވެރިންވެސް ވަރަށް ގިނައިން ވަންނަވާ ރެސްޓޯރެންޓެކެވެ. އެހެންކަމުން އިސްރާއީލުގެ ގްރީން ޒޯންގެ ގޮތުގައި ބެލެވޭ ސަރަހައްދެއްގައި މިފަދަ އަމަލެއް ހިންގުމުގެ ކުރިން އިސްރާއީލުގެ ޖާސޫސީ އިދާރާއަށާއި ފުލުހުންނަށް ރޭކާ ނުލުމަކީ އިސްރާއީލުގެ އަމަނާބެހޭ އިދާރާތަކުގެ ނާގާބިލްކަން ވަރަށްބޮޑަށް ހާމަވެގެން ދިޔަކަމެއްކަމަށް އެގައުމުގެ މީޑިޔާއިންވެސް ވަނީ ސިފަކޮށްފައެވެ.