ޚަބަރު

ޙަމާސްގެ ސިންވާރު ޝަހީދުކޮށްލާފައިވާ ކަމަށް ބުނުމުން ޔަހޫދީންނަށް މުޖާހިދުންގެ ވަރުގަދަ އިންޒާރެއް


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްހާ ހަލް-ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމަށް ބުނުމުން މުޖާހިދުންގެ ޖަމާޢަތްތަކާއި އީރާނުން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނެފައި ވަނީ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ ދެކުނުގެ ރަށެއްގައި ހިންގި ޤަތުލުޢާންމުތަކެއްގެ ތެރެއިން ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.

62 އަހަރުގެ ސިންވާރް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނި ނަމަވެސް, ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. އެ ކަމާ ގުޅިގެން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައިވާ ޤައުމުތަކުގެ ތެރޭގައި މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާން ހިމެނެއެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ހިމެނެއެވެ. ޙިޒްބުاللهއަކީ, އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ބާރުގަދަ ޖަމާޢަތެކެވެ.

ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނުމުން އީރާނުން ބުނީ, ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކުގެ ޙަމަލާތަކާއި އަސްކަރީ ހަރަކާތްތައް މެދުކަނޑައިލުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. ޙިޒްބުاللهން ބުނީ, ޔަހޫދީ ފައުޖަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް އެތަކެއް ގުނައަކަށް އިތުރު ކުރާނެ ކަމުގައެވެ.

ޔަހޫދީންގެ އަޅުވެތިކަމަށް ކެތްނުކުރެވިގެން ޙަމާސްގެ މުޖާހިދުން މީގެ އަހަރެއްހާ ދުވަސް ކުރިން ދީފައިވާ ޖިހާދީ ޙަމަލާތަކުގެ މޭސްތިރިއަކީ ސިންވާރު ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ. 2023 އޮކްޓޫބަރު 7ގައި ޙަމާސުން ދިން ކުއްލި ޙަމަލާތަކުގައި 1,200އެއްހާ ޔަހޫދީން މަރައިލައި, 250އެއްހާ ޔަހޫދީން ރަހީނު ކުރިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ އެ ޙަމަލާގެ ބަދަލު ހިފުމުގެ ނަމުގައެވެ.

ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނުމުން އެންމެ ފުރަތަމަ ވެސް އެ ކަަމަށް މަރުޙަބާ ކިޔާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިންނެވެ. އެ ކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި މަރުޙަބާ ދަންނަވާފައެވެ. ލުބްނާނާއި ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކުގައި ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތަކަކީ ބައިޑަން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ހަތިޔާރެވެ. އެމެރިކާގެ ޚާރިިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ, މިއީ ޙަމާސާ އެކު ސުލްޙައިގެ މަޝްވަރާތައް އަލުން ފަށައި, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަންކޮށް, ދެމެހެއްޓެނިިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލަން އެއްބަސްވުމެއް އެކުލަވައިލަންވީ ވަގުތު ކަމުގައެވެ.

ހުޅަނގުގެ ގިނަ ބާރުތަކުން ޤަބޫލު ކުރާ ގޮތުގައި, ސިންވާރު ޝަހީދު ކޮށްލުމަކީ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނެސް, ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރަން ލިބުނު ފުރުޞަތެކެވެ. ނަމަވެސް, ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައެވެ.

ސިންވާރު ކުރިން ފުރުއްވަމުން ގެންދަވާފައި ވަނީ ޙަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުގެ މަޤާމެވެ. އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަޤާމާ އޭނާ ހަވާލުވެ ވަޑައިގަތީ, އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން އިރާނުގެ ވެރިރަށް ތަހްރާނަށް ޖުލައި 31ވަނަ ދުވަހު ދިން ނިރުބަވެރި ޙަމަލާއެއްގައެވެ. ތަހްރާނަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ.

ޔަހޫދީން ބުނީ, ސިންވާރު ޝަހީދު ކޮށްލާފައި ވަނީ, ޣައްޒާގެ ދެކުނުގެ ރަށެއްގައި ޙަމާސްގެ މުޖާހިދުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ކަމުގައެވެ. އަދި, ސިންވާރު ކަމަށް ބުނާ މީހެއްގެ ހަށިގަނޑު ފެންނަ ޑްރޯން ވީޑިޔޯއެއް ވެސް ޔަހޫދީ ފައުޖުން ވަނީ ޢާންމު ކޮށްފައެވެ. ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައި ނެތް ނަމަވެސް, އެ ޖަމާޢަތުގެ މަޞްދަރުތަކުން ވަނީ ސިންވާރް ޝަހީދު ކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި ބުނެފައެވެ.

ސިންވާރު ޝަހީދު ކޮށްލުމާ ގުޅިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލާނެ ކަމަށް ހުޅަނގުން ޤަބޫލު ކުރި ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ކަމާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވެ, ޙަމަލާ ބަދަލު ކުރުން އިތުރުވެގެންދާނެ ކަމަށް ދެކޭ ކަމުގައެވެ. ޣައްޒާ ޢުދުވާނުގެ އިތުރުން ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ވެސް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ.