ޚަބަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ކުޅިވަރު އެތުލީޓުންގެ އަގު ސަރުކާރުން ވަޒަންކޮށްފި


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި ހޮވި އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް ހިއްވަރުދީ އެތުލީޓުންގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބޭއްވި އެވޯޑް ހަފުލާގައި ވަނީ އެކި ކުޅިވަރުތަކުން އެންމެ މޮޅު ކުޅިވަރު އެތުލީޓުން ހޮވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދރ މުހަންމަދު މުއިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހަންމަދު ލަތީފު އާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ޓީޓީ ދެކުޅުންތެރިންނަށް އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބިގެންދިޔައިރު އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ ފާތުމަތު ދީމާ އަލީއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ މުހަންމަދު ޝައްފާން އިސްމާއިލްއެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލަކަށް ހޮވުނީ ވޮލީއިން ހައްވާ އަބްދުލް މަޖީދެވެ. އެންމެ މޮޅު ފިރިހެން ޓެކްނިކަލް އޮފިޝަލަކަށް ހޮވުނީ ފުޓްބޯޅަ ރެފްރީ މުހަންމަދު ޖާވިޒްއެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ހޭންޑްބޯޅައިގެ އަންހެން ކޯޗު ނަޝްވާ އާމިރާ އެވެ. އެންމެ މޮޅު ފިރިހެން ކޯޗަކީ އެތުލެޓިކްސްގެ ކޯޗު އަހުމަދު ފާއިލްއެވެ. ސްޕޯޓްސް މެޑިކް އޮފްދަ އިޔަރ އަށް ހޫދު އިބްރާހިމް ހޮވުނު އިރު އަހަރު އެންމެ ހިދުމަތްތެރި އެސޯސިއޭޝަނަކަށް ހޮވުނީ ހޭންޑްބޯލް މޯލްޑިވިސްއެވެ.

އެތުލެޓިކްސް އިން އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަހުނާ ނިޒާރެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހަސަން ސާއިދެވެ. ބާސްކެޓުގެ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ ފާތުމަތު ރިޝްމާއެވެ. ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއިލް ވިލްދާންއެވެ. އަހަރުގެ އެންމެ މޮޅު ބޮޑީ ބޯޑަރުގެ މަގާމް އަލީ ހުޝްރުވާން ހޯދިއިރު ބޮޑީބިލްޑިންގް އިން އެންމެ މޮޅު އެތުލީޓަކީ އަޒްނީން ރަޝާދުއެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް ހޮވުނީ ފާތުމަތު ނަބާހާ އަބްދުލް ރައްޒާގެވެ. ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ ނިބާލް އަހުމަދެވެ. ކެރަމް އިން އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް އައިމިނަތު ވިދާދު ހޮވުނު އިރު އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފަވަނީ އިސްމާއިލް އަޒްމީންއެވެ. ޗެސް އިން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ނިހާޔާ އަހުމަދު ހޯދި އިރު އެންމެމޮޅު ފިރިހެން ކުޅުންތެރިޔާ މަގާމު ހޯދީ މުޖާހިދު ބިން ޔަޒީދުއެވެ.

އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނާޒިފް އުމަރެވެ. ފުޓްބޯޅައިން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ރިޒްވާން އެވެ. ނެޓްބޯޅަ އެންމެ މޮޅު ކުޅުންތެރިޔަކީ އައިޝަތު ސަލީމާއެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ހޭންޑްބޯލް ކުޅުންތެރިޔަކީ ފާތުމަތު އަރޫޝާއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކީ މުހަންމަދު ޔަޝްމު އަހުމަދުއެވެ. ޕޫލްބިލިއާޑްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ ދީނާ އަހުމަދުއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކީ ހަސަން ޝާޒް މުހަންމަދުއެވެ.

ސާފިންއިން އަހަރު އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ މަރިޔަމް ރާހިލް ނަސީމް އެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހުސެއިން އަރީފްއެވެ. ސްވިމިންގް އިން އެންމެ މޮޅު އަންހެން އެތުލީޓަކީ މިރާލް އައިން ލަތިފްއެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަކީ މުހަންމަދު ރިހާން ޝިހާމްއެވެ.

ޓޭބަލް ޓެނިހުގެ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތުމަތު ދީމާ އަލީ ހޯދި އިރު އެންމެ މޮޅު ފިރިހެން އެތުލީޓަކީ މުހަންމަދު ޝައްފާން އިސްމާއިލްއެވެ. ޓެނިހުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ނަބާ ނަސީމްއެވެ. އެންމެ ފިރެހެން ކުޅުންތެރިޔަކީ އަބްދުﷲ ފާއި ފަޒީލްއެވެ. ވޮލީ ބޯޅައިގެ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް އައިޝަތު މާޖިދާ ހޮވުނު އިރު އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނަސީމެވެ.

ވިޝުއަލް އާޓްސްގ ދާއިރާގެ އެވޯޑް ފޮޓޯގްރާފަ އިސްމާއިލް ތާރިގް ހޯދިއިރު އެންމެ މޮޅު ފިރިހެން ޕެރަ އެތުލީޓަކީ އަބްދުލް ރައްޒާގް އަބުދުލް ސަމަދެވެ. އެންމެ މޮޅު އަންހެން ޕެރަ އެތުލީޓަކީ ފާތުމަރު އިބްރާހިމްއެވެ.

ރޭގެ ހަފްލާގައި ވަނީ ސްޕެޝަލް އޮލިންޕިކްސް އިން ފާހަގަވި ތިން އެތުލީޓަކަށް އެވޯޑް ދީފައެވެ. އަދި މީގެ އިތުރުން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެބޭފުޅަކަށް އަދި ސްޕެޝަލް ރިކޮގްނައިޒް އެވޯޑް 10 ބޭފުޅަކަށް ވަނީ ދީފައެވެ.