ޚަބަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އެންމެ މޮޅު ޒުވާން އެތުލީޓުންނަކީ ދީމާ އާއި އަޚްޔާރު


ރާއްޖޭގެ ކުޅިވަރު އެތުލީޓުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޅިވަރު ވުޒާރާއިން ދެމުން އަންނަ މޯލްޑިވިސް ސްޕޯޓްސް އެވޯޑްސް 2024 ގެ ޔަންގް ސްޕޯޓްސްމަން އޮފް ދަ އިޔަރގެ މާގާމު ޓީޓީގެ ޒުވާން ދެތަރިން ކަމަށްވާ ފާތުމަތު ދީމާ އަލީ އާއި އަޚްޔާރު އަޙްމަދު ޚާލިދު ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުރިއަށްދިޔަ ހުސްވި އަހަރު ކުޅިވަރުގެ ދާއިރާ ފާހަގަކޮއްލެވޭ އެތުލީޓުންނަށް އެވޯޑް ދިން ހަފްލާގައި މި ދެތަރިން އެވޯޑް ހަވާލުކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފްއެވެ.

ދީމާއަށް ޔަންގް އެތުލީޓް ލިބުނުއިރު އޭނާ ވަނީ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ދިފާއުކޮއްފައެވެ. ދީމާގެ ފަހަތުން މި އެވޯޑަށް ވާދަކުރީ ޔަންގް ސްޕޯޓްސް މަން ބްރޯންޒް އެވޯޑް ހޯދި ބެޑްމިންޓަން ތަރި ލައިބާ އަހުމަދު މަހްލޫފް އާއި ސިލްވަރ އެވޯޑް ހޯދި ޓީޓީ ތަރި މިޝްކާ މުހަންމަދު އިބްރާހިމް އެވެ.

އަހްޔަރު ޔަންގް ސްޕޯޓްސްމަން އޮފްދަ އިޔަރ ހާސިލުކުރި އިރު އޭނާގެ ފަހަތުން މި އެވޯޑަށް ވާދަކުރީ ބްރޯންޒް އެވޯޑް ހާސިލުކުރި ހޭންޑްބޯޅައިން މުހަންމަދު ޔަޝްމު އަހުމަދު އާއި ސިލްވަރ އެވޯޑް ހޯދި ބޮޑީބޯޑިން ޒުވާން ތަރި އާމިން އުމަރު މޫސާއެވެ.

މި އަހަރުގެ ކުޅިވަރު އެވޯޑްގައި ގިނަ އެވޯޑުތަކެއް ދެވިގެން ދިޔައިރު 18 ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު އެތުލީޓުންނަށް ވަނީ އެވޯޑް ހަވާލުކޮއްފައެވެ.