ޚަބަރު

މިރޭ ފެންނަ "ހަންޓާރޒް މޫން"، މިއީ މިއަހަރުގެ އެންމެ އަލިގަދަ ހަނދު


  • ރާއްޖެއަށް ހަނދު އެރީ ހަވީރު 5:49

  • މިހަނދު މަޝްހޫރުވެފައިވަނީ ޝިކާރަވެރިންގެ ހަނދުގެ ގޮތުގައި

މިއަހަރު ބޮޑު ހަނދު ނުވަތަ ސުޕަރ މޫން މިރޭ ރާއްޖެއަށް ފެންނާނެއެވެ. ހަންޓާރޒް މޫންގެ ނަމުން ނަންދެވިފައިވާ މިހަނދަކީ މިއަހަރު ފެންނާނެ އެންމެ އަލިގަދަ ހަނދެވެ. މިހަނދަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންތައް ދީފައިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ ބަޔަކު މިހަނދު ދަންނަނީ ހަންޓާރޒް މޫން ނުވަތަ ޝިކާރަވެރިންގެ ހަނދުގެ ގޮތުގައެވެ.

ޝިކާރަވެރިންގެ ހަނދުގެ ގޮތުގައި މިހަނދު މަޝްހޫރު ވެފައިވަނީ ޚިޒާން މޫސުން ނުވަތަ އޯޓަމް ނިމި، ފިނި މޫސުމަށް އެޅުމުގެ ކުރިން ފެންނަ ހަނދަކީ މިހަނދު ކަމަށް ވުމުންނެވެ. އޭރު މިހަނދު ފެނުމުން މީހުން ޝިކާރައަށް ނިކުމެ ފިނި މޫސުމަށް ތައްޔާރުވާން ފަށައެވެ.

މިހަނދު އާންމުކޮށް ފެންނަނީ އޮކްޓޯބަރު މަހުއެވެ. އަދި ބައެއް ފަހަރު ނޮވެމްބަރު މަހުވެސް މިހަނދު ފެންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަނދެއް "ސުޕަރމޫން" އެއްގެ ގޮތުގައި ބަލަނީ އާންމުކޮށް ދުނިޔެ ވަށާ ހަނދު ދަތުރުކުރާ ވަރަށްވުރެ ގާތުން ހަނދު ދަތުރުކުރުމުން ހަނދު ބޮޑުކޮށް ފެންނާތީއެވެ.

މިއަހަރުގެ ހަންޓާރޒް މޫން މިރޭ ރާއްޖެއަށް ސާފުކޮށް ފެނެއެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރޭ މިފެންނަ ހަނދު އެރީ ރާއްޖޭ ގަޑިން ހަވީރު 5:49 ގައި ކަމަށެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.