ޚަބަރު

ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން 255 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ވަޒީރު ރާފިޢު


މިސަރުކާރުން ކުޅިވަރު ކުރިއެރުމަށް މިހާތަނަށް 255 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަކަފުޅުދައްކަމުން ވަޒީރު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް އެކަނިވެސް 255 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާފައިވާކަމަށެވެ. މިއީ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން ކުރެއްވި ބޮޑު ހޭދައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ޤައުމީ ޓީމްތަކުން މިއަހަރު ހޯދައިދިން ނަތީޖާތަކާއި ކާމިޔާބީތަކަކީ އެކަމަށް ތަޢުރީފް ހައްޤު އަދި ކުރިއަށް އޮތް ދުވަސްތަކަށް އުއްމީދާއި ހިތްވަރު ލިބޭ ކާމިޔާބީތަކެއް ކަމަށެވެ.

" މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ބައިނަލްއަގްވާމީ 74 ކުޅިވަރު ހަރަކާތެއްގައި އެކި ކުޅިވަރުތަކުން ވަނީ ބައިވެރިވެފައި. މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމްތަކުން ބައިނަލްއަގްވާމީ މައިދާނުގައި ވަނީ 22 މެޑަލް ހޯދާފައި. މީގެ ތެރޭގައި 9 ރަން މެޑަލް، 9 ރިހި މެޑަލް އަދި 4 ލޯ މެޑަލް ހިމެނޭ. " ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ރާއްޖޭގައި ބައިނަލްއަގްވާމީ 9 މުބާރާތެއް ބާއްވާފައިވާކަމަށާއި އަދި އިތުރު 2 މުބާރާތް މިއަހަރު ބާއްވަން ތާވަލްކޮށްފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.