ޚަބަރު

ވިލާ ކޮލެޖަށް 17 އަހަރު: އެންމެ ބޮޑު ކާމިޔާބީއަކީ މުޖްތަމަޢުގެ އިތުބާރު


  • ވިލާ ކޮލެޖުގައި ސެމިސްޓަރއަކު 3500 އަށްވުރެ ގިނަދަރިވަރުން ކިޔަވާ

ވިލާ ކޮލެޖްގެ މިވޭތުވެދިޔަ 17 އަހަރު ތެރޭގައި، މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި، އެކޮލެޖުންވަނީ ދަރިވަރުންނާއި މުޖްތަމަޢުގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައި ކަމަށް އެކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވެއްޖެއެވެ.

މީގެ 17 އަހަރު ކުރިން 20 ދަރިވަރުންނާއެކު މަތީ ތަޢުލީމު ފޯރުކޮށްދޭން ފެށި ވިލާ ކޮލެޖަށް މިއަދު 17 އަހަރު ފުރިފައިވާއިރު އެކޮލެޖުގެ ކޮންމެ ސެމިސްޓަރއަކު 3500 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރާ ކަމަށް ވިލާ ކޮލެޖުން ހާމަކުރެއެވެ. ރާއްޖޭގެ 8 ސަރަހައްދެއްގައި ވިލާ ކޮލެޖުގެ ކެމްޕަސްތައް ޤާއިމްކުރެވިފައިވާއިރު، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ އަދި ރާއްޖޭގައި ބަލައިގަންނަ ކޯސްތައް ހިމެނޭހެން 190 ޕްރޮގްރާމެއް އެކޮލެޖުގައި ދަނީ ހިންގަމުންނެވެ.

މިދުވަހާއި ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައި އެކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ، އެކޮލެޖުން ދެވޭ ތައުލީމުގެ ފެންވަރު މަތި ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވިލާ ކޮލެޖުން ދެވޭ ތަޢުލީމުގެ ފެންވަރު ދުނިޔޭގެ ފެންވަރުގައި ދިނުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތް ކުރަމުން. އެގޮތުން ވިލާ ކޮލެޖަކީ މި ދިވެހި ރާއްޖޭގައި ހަމައެކަނި، ކިއުއެސްގެ ސްޓަރ ރޭޓިންގައި އެކްސެލެންސް ލިބިފައިވާ ހަމައެކަނި މުޢައްސަސާ " ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ވިލާ ކޮލެޖުން ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ދަރިވަރުން ވަކިން ކިޔެވުމަށް ސްޓަޑީ ސްޕޭސްތަކާއި، ފަންނީ ދާއިރާތަކުން ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް 10 ލެބޯޓަރީއާއި 47 ޓެކްނޮލޮޖީ އެންހޭންސްޑް ކްލާސްރޫމް ޤާއިމްކޮށްފައިވެއެވެ. އަދި ޒަމާނީ ގިނަ ވަސީލަތްތަކާއެކު ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ދަރިވަރުންގެ މަތީ ތަޢުލީމަށް އެކޮލެޖުން ފަހި މާހައުލެއް ޤާއިމްކޮށްދީފައިވާކަން ވިލާ ކޮލެޖުން ފާހަގަކުރެއެވެ.

ނަޖީބް ވިދާޅުވީ ކޮލެޖުގެ 17 އަހަރުގެ ތާރީޚުގައި މިހާހިސާބަށް އާދެވިފައިވަނީ ގިނަ ބައެއްގެ އިތުބާރާއެކުގައި ކަމަށެވެ.

"ވިލާ ކޮލެޖަށް މިހާ ހިސާބަށް އާދެވުނީ ވިލާ ކޮލެޖާމެދު ދަރިވަރުންނާއި މުޅި މުޖްތަމަޢުން ކުރާ އިތުބާރުގެ ސަބަބުން. އެގޮތުން މިހާރުވެސް ކޮންމެ އަހަރަކު މިއޮންނަ ތިން އިންޓޭކަކުން ކޮންމެ އިންޓޭކަކަށް ވިލާ ކޮލެޖަށް 1000 ދަރިވަރުން ގުޅޭ. އެއީ އިތުބާރު ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް" ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖާއި ދަރިވަރުން ކޮންމެ އަހަރަކުވެސް ގުޅޭއިރު، ބޭރުގެ 4 ޔުނިވަރސިޓީއަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގައެވެ. އެ ޔުނިވަރސިޓީތަކަކީ ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލޭންޑް، ޓެއިލާސް ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ސައިބާޖަޔާ އަދި ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުއެވެ.

ވިލާ ކޮލެޖަށް 17 އަހަރު ފުރޭއިރު، އެ ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހިންގާ ޕްރައިވެޓް ކޮލެޖެވެ. އެ ކޮލެޖުގައި ކިޔަވައިދިނުމުގެ އިތުރުން ދިރާސީ އެތަކެއް މަސައްކަތްތަކެއްވެސް ކުރެއެވެ.

އެކޮލެޖުން ދޭ ޔަޤީންކަމަކީ، އެކޮލެޖުން ނިކުންނަ ދަރިވަރުންނަކީ ކޮންމެ ސިނާޢަތެއްގައިވެސް މަސައްކަތް ކުރުމުގެ ހުނަރާއި ޤަބިލިއްޔަތުކަން ލިބިފައިވާ ދަރިވަރުންނަށް ވާނެކަމެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވާދަ ކުރެވޭނެ ކަމަށް އެކޮލެޖުން ބުނެއެވެ.