ޚަބަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަބްދުއްސައްތާރާއި އަލްމަރްޙޫމް އަޙްމަދު ހާފިޒަށް


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެ ބޭފުޅަކަށް ދެއްވައިފިއެވެ. ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ އަބްދުއްސައްތާރު ހަސަން އާއި އަލްމަރްޙޫމް އަޙްމަދު ހާފިޒެވެ.

މީގެ ތެރެއިން ސައްތާރު ވަނީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް ކަމަށްވާ "އޭޝިއަން އެފްރިކަން އެންޑް ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލް ޓެނިސް ޓޯނަމަންޓް" ގެ ޓީމުގެ އިވެންޓުގައި ކުވެއިތުގެ މައްޗަށް ސީދާ ފަސް ސެޓުން ކުރި ހޯދި ރާއްޖެ ޓީމުގެ ކެޕްޓަންކަން ކުރައްވާފައެވެ. މިމުބާރާތް ބޭއްވީ ޗައިނާގައެވެ.

ވާދަވެރި މުބާރާތްތަކަށް އޭނާ ނުކުންނެވީ 1963 ވަނަ އަހަރެވެ. އޭރުވެސް ސައްތާރަކީ ޓެނިހާއި، ފުޓްބޯޅައާއި، ޓޭބަލް ޓެނިހާއި، ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޚާއްސަކޮށް ޓޭބަލް ޓެނިހުގައި އޭނާ ފާހަގަކޮށްލެވުނުއިރު، އެންމެ ގިނަ ވަނަތައް ހާސިލްކުރެއްވީވެސް އެ ކުޅިވަރުންނެވެ. އެގޮތުން 1963 އިން 1975 ގެ ނިޔަލަށް ބޭއްވި ހުރިހާ މުބާރާތެއް ކާމިޔާބުކުރައްވައި، މެދުނުކެނޑި 13 އަހަރު ޓޭބަލް ޓެނިހުގެ ޗެމްޕިއަންކަން ސައްތާރު ވަނީ ދިފާއުކުރައްވާފައެވެ.

ޑަބަލްސް ޗެމްޕިއަންކަން ފަސް އަހަރު، މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ތިން އަހަރު ހޯއްދެވިއެވެ. ސަރުކާރު މުވައްޒަފުންގެ ނާދީން ކުރިޔަށްގެންދިޔަ ޓޭބަލް ޓެނިސް ގިނަ މުބަރާތްތަކުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯއްދެވުމުގެ އިތުރުން، ޕިންޕޮން ސްޓައިލަށް ކުޅެމުން އައި ޓެނިހުގެ ވައްޓަފާޅި ބަދަލުކުރައްވައި ޒަމާނީ ކުޅުންތެރިއެއްގެ މިސާލުވެސް ދެއްކެވިއެވެ.

ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ސައްތާރުގެ މަސްއޫލުވެރިކަމުގެ ދަށުން މާލޭ ޓެނިސް ކުލަބު އުފެއްދެވިއިރު، އޭނާ ވަނީ ޓެނިސް ކުލަބަށް ކުޅުއްވައި ފަހުން މަސްއޫލުވެރިއެއްގެ ގޮތުން ތަފާތު ކުޅިވަރުތަކުގައި އެކުލަބަށް މަތީ ކާމިޔާބީތައް ހޯއްދަވައި ދެއްވާފައެވެ. މީގެއިތުރުން ސައްތާރަކީ މޮޅު ގޯލްކީޕަރެއްވެސް މެއެވެ.

ބައިސްކަލް ރޭހުން ޗެމްޕިއަންކަން ދެ ފަހަރު ހޯއްދެވިއިރު، ދިވެހި ކޮންޓިންޖެންޓެއް އެންމެ ފުރަތަމަ ވާދަކުރި މަޝްހޫރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މެނޭޖަރަކީވެސް އޭނާއެވެ. މީގެ އިތުރުން ތަފާތު ގިނަ މުބާރާތްތަކުގައި ޓެނިހުގެ މެނޭޖަރުކަމާއި ޗެފް ޑިމިޝަންގެ މަގާމު ވަނީ އަދާކުރައްވާފައެވެ.

ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެން ލިބިވަޑައިގެންނެވި އަލް މަރްޙޫމް އަޙްމަދު ހާފިޒަކީ ދިވެހި ކުޅިވަރުގެ ލެޖެންޑެކެވެ. އެގޮތުން އަގު ނުކުރެވޭ ފަދަ ގައުމީ ގިނަ ޚިދުމަތްތަކެއް ކުރެއްވިއިރު، އެމަނިކުފާނުގެ ޚިދުމަތް ދިވެހި ދައުލަތަށް ދެއްވަން ފެއްޓެވީ މީގެ 43 އަހަރު ކުރިންނެވެ. އެގޮތުން ކަނޑުފަޅު ހާވައި ކުރެއްވި ދިރާސާތަކާއި މަސްވެރިކަން ޕްރޮމޯޓް ކުރެއްވުމަށް ކުރެއްވި އެތައް މަސައްކަތެއްގެ ސަބަބުން އެ ދާއިރާއިން 1991 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު ހާފިޒު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ބާސްކެޓްބޯޅައިންނެވެ. ހާފިޒަކީ ރާއްޖޭގެ ބާސްކެޓް ކުރިއަރުވަން އެންމެ ގިނަ ވަގުތު ހުސްކުރެއްވި އަދި އެންމެ ގިނަގުނަ ގުރުބާނީއެއްވި އެއް ބޭފުޅާއެވެ. ސަރަހައްދީ އިމުގައި ބާސްކެޓުގައި ރާއްޖެއިން ވާދަކުރަން ފެށީ އެއެސޯސިއޭޝަނުގެ ރައީސް ކަމުގައި ހާފިޒު ހުންނެވި ދެ ދައުރުގެ ތެރޭގައި ގެންނެވި ބަދަލުތަކާއެކުއެވެ. ގައުމީ ފެންވަރުގެ ބާސްކެޓް ކުލަބުތައް ވާދަވެރި ކުރުވައި، ސަރަހައްދީ މުބާރާތްތައް ރާއްޖޭގައި ބާއްވަން ފެށުމުންނެވެ.

އޭނާ އަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަން އުފެއްދެމުގައިވެސް މުހިންމު ބައިވެރިއެކެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އެންމެ އިސްވެރިން އިންތިޚާބު ކުރަން ފެށުމުން އެންމެ ފުރަތަމަ ބޭއްވި ބާސްކެޓްގެ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ކަމަށް ވަޑައިގެންނެވީ އޭގެ ކުރިން ދެ ދައުރު ރައީސް ކަމުގައި ހޭދަކުރެއްވި ހާފިޒެވެ. 1991 ވަނަ އަހަރު އޭނާ ފެއްޓެވި ބާސްކެޓް ދަތުރު ރަސްމީކޮށް ނިންމަވާލެއްވީ އިދާރީ ގޮތުންނާއި ޓެކްނިކަލް ލެވެލްގައިވެސް ބާސްކެޓް ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ހިސާބަށް ގެނެސްދެއްވުމަށްފަހުއެވެ.

އޭނާގެ ޚިދުމަތް ފެންނަން އޮތީ ހަމައެކަނި ދިވެހި ބާސްކެޓްގައި އެކަންޏެއް ނޫނެވެ. ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) ގެ ރައީސްކަންވެސް ހާފިޒު ވަނީ 2014 ވަނަ އަހަރު ކުރައްވާފައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯގައި އެއް ދައުރެއް ފުރިހަމަކުރެއްވިއެވެ. ބާސްކެޓްގެ އިތުރުން ހާފިޒަކީ ފުޓްބޯޅައިގެވެސް މުހިންމު ޚިދުމަތްތެރިއެކެވެ. އެގޮތުން ކުލަބު ވެލެންސިއާގެ ފުޓްބޯޅަ ޓީމުގެ މެނޭޖްރުކަން ކުރައްވައި މުހިންމު ތަށިތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ.