ޚަބަރު

އުދަ އަރާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި


  • މިރޭ ދަންވަރުވެސް އުދައެރުމުގެ ފުރުޞަތު އެބައޮތް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު މެންދުރު 11:30 އިން މެންދުރު ފަހު 15:30 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އުދަ އަރާނެކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ވިދާޅުވީ، މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 12:00 އާއި 13:30 އާ ދެމެދުގައިކަމަށެވެ. އަދި މިރޭ ދަންވަރު 12:00 އާއި 2:00 އާ ދެމެދުގައި ވެސް ދިޔަވަރު ބޮޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާޅުގެ އުސްމިން އާންމު ގޮތެއްގައި ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައިކަމަށެވެ.

މިދިޔަ 2 ދުވަހުވެސް އުދަ އަރާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި ބައެއް ރަށްތަކަށް އުދައެރިކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެހެން އަހަރުތަކުގައިވެސް މި ދުވަސްވަރު އުދައެރުމުގެ ފުރުޞަތުވެސް އޮންނަކަމަށެވެ.

މިދުވަސްވަރު އުދަ އެރުމުގެ ފުރުޞަތު އޮތުމާއެކު ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރައްވައެވެ.

އެގޮތުން ދިޔަވަރު ބޮޑުވެ އުދަ އަރާގަޑިތަކުގައި ބްރިޖް އަދި ހައިވޭގައި ސައިކަލުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ، ނުކުރުން މުހިއްމެވެ. އަދި ރަށްރަށުގައިވެސް ގޮނޑުދޮށައި ގާތުގައި ހުންނަ ގޭބިސީތަކުންވެސް ގެއަށް ލޮނު ނުވަންނާނެހެން ބަސްތާ ޖެހުމާއި، އުދައިގެ އަސަރުކޮށް ހަލާކުވެދާނެ ފަދަ މުދަލާއި ތަކެތި ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.