ޚަބަރު

ރިސޯޓް ސުޕަ ލީގު: ކޮންރެޑް ބަލިކޮށް ޗެމްޕިއަން ޖޯލި ފައިނަލަށް


ރިސޯޓް ސުޕަ ލީގު 2024 ގެ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ކޮންރެޑް މޯލްޑިވްސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗު ޖޯލިން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޖޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މުސްލިމް މުޙައްމަދެވެ. އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ޖޯލީގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯލީގެ ތިންވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ވިޝާމެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ކޮންރެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު ކޮންރެޑަށް ކާމިޔާބުކޮށްދިނީ ފާއިގު އަޙްމަދެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މުހައްމަދު ޖުމާން ވަނީ ލަނޑެއް ޖަހައި، ޖޯއްޔަށް އަނެއްކާވެސް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖޯލީގެ ނަޒީހު އިސްމާޢީލަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލާފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން މުސްލިމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޖޯލި ޓީމު ފައިނަލަށް ގެންގޮސްދީފައެވެ.

މި މޮޅާއެކު ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ޖޯލިން ހޯދިއިރު، ހުކުރު ދުވަހުގެ ހަވީރު ކުޅޭ ފައިނަލުގައި އެ ޓީމު ނުކުންނާނީ ބަނޑޮހާ ދެކޮޅަށެވެ. ފައިނަލުގެ ޖާގައެއް ބަނޑޮހުން ހޯދީ ފުރަތަމަ ބުރުގައި 10-7 ގެ އެގްރިގޭޓް ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށްގެންނެވެ.