ޚަބަރު

ވިލިނިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައިފި


ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މަގުތަކުގައި ތާރުއެޅުއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ.

ވިލިނގިލީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 16 މަގެއް، ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައި ތާރައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުން ކުރިޔަށްގެންދާ މި މަޝްރޫޢުގެ ދަށުން މި އަހަރު 6 ކިލޯ މީޓަރު މަގު ހަދައި ނިންމެވުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

img:http://s1.psmnews.mv/images/660x400/14666695007861.jpg|ގއ.ވިލިނިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ؛ ޕީއެސްއެމް

ވިލިނގިލިގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް ފުތަމަ ފަށްޓަވާފައިވަނީ ތާރުއެޅުއްވުމަށް ތައްޔާރުކުރައްވާފައި ހުރި މަގުތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ވިލިނގިލި ބްރާންޗާއި، ޕީއެސްއެމް ވިލިނގިލި މަރުކަޒާ ދެމެދުގައި އޮންނަ މަގުގައެވެ. ވިލިނގިލިގައި މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ރަށުގެ ބޮޑެތި މަގުތަކުގައި ފެންހިންދާނެ ނިޒާމް ޤާއިމްކުރެއްވުމާއި، މަގުތަކުގައި ހޮޅިވަޅުލައި، ކޭބަލް އަދި ފެނުގެ ނިޒާމް ޤާއިމްކުރައްވާނެ ވަޞީލަތްތަކާއި ހޮޅިވަޅުލާފައިވެއެވެ.

ތާރުއެޅުމުގެ ޢަމަލީ މަސައްކަތް ކުރަމުން ގެންދަނީ މަގުހެދުމުގެ މަޝްރޫޢު ޙަވާލުކުރައްވާފައިވާ ސަބް ކޮންޓްރެކްޓަރ ސިއަރާ ކޮންސްޓަރަކްޝަނުންނެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލިނިލި ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށްދާކަމަށާއި ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢު މުޅިން ނިންމާލެވޭނެކަމަށެވެ.

ވިލިނގިލި މަގުހެދުމުގެ މަޝްރޫގެ ދަށުން ކުރިން 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައި، ތާރުއަޅުއްވަން ނިންމަވާފައިވީނަމަވެސް ތާރުއަޅުއްވާ މަގުގެ ޢަދަދު އިތުރުކުރައްވައި މިހާރު ވަނީ 16 މަގެއްގައި ތާރުއެޅުއްވުމަށް ނިންމަވާފައެވެ.