ޚަބަރު

ދީނީ އެއްބައިވަންތަކަމާ ގުޅޭ ކޮންފަރެންސެއް މިއަހަރު ބާއްވަނީ


ދީނީ އެއްބައިވަންތަކަމުގެ ގިއުގަނޑުގެ ތެރޭގައި ޤައުމު ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު މިއަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބޭއްވުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ނިންމައިފިއެވެ.

މިކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 19 އަދި 20 ވަނަ ދުވަހުކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ. އިސްލާމިކް ޔުނިވަރސިޓީގެ ޑީން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މިކޮންފަރެންސަކީ އިސްލާމީ މުޖުތަމަޢުތަކުގައި އޮންނަ ދީނީ ތަފާތުވުންތައް ކުޑަކޮށް އެއްބައިވަންތަ މުޖުތަމަޢެއްގެ ގޮތުގައި އަދި ޚިޔާލު ތަފާތުވެގެންދާ ދަނޑިވަޅުތަކުގައިވެސް މުސްލިމުންނަކީ އެއްބައެއްވަންތަ އެއް އުއްމަތަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެއްކަމަށެވެ.

މި ކޮންފަރެންސްގައި މިކަމާއި ގުޅޭގޮތުން ސަރަޙައްދީ އަދި މެދު އިރުމަތީގެ ޤައުމުތަކުގެ ޕްރޮފެސަރުން ބައިވެރިވެވަޑައިގެން މިދާއިރާތަކުން ކަރުދާސް ހުށަހަޅުއްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން މި ކޮންފަރެންސްގައި ރާއްޖެއާއި ބޭރުގެ ދީނީ ޢިލްމުވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ ކަމާއިބެހޭ އެހެނިހެން ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. އަދި މިކޮންފަރެންސްގައި ހުށަހެޅޭ ކަންކަމާއިމެދު ގޮތެއް ނިންމާނެކަމަށްވެސް ޑޮކްޓަރ ޒަކަރިއްޔާ ވިދާޅުވިއެވެ.

މިކޮންފަރެންސްގައި، ސޫދާން، އުރުދުން، މެލޭޝިއާ، ބަންގްލަދޭޝް، އިންޑިޔާ އަދި މިނޫންވެސް ޢަރަބި ޤައުމުތަކުގެ ޕްރޮފެސަރުން ބައިވެރިވެވަޑައިގެން މިދާއިރާތަކުން ކަރުދާސް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސްގައި ހުށަހެޅޭ ކަރުދާސްތައް ޝާޢިއުކުރުމަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.