ޚަބަރު

"އިސްލާމީ މަރުކަޒު މައިދާން" ރައީސް ޔާމީން ހުޅުއްވައިދެއްވައިފި


އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި މާރބްލް ޖެހުމަށްފަހު، އިސްލާމީ މަރުކަޒު މައިދާނުގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުއްވައިފިއެވެ.

މި މައިދާން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.  

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއާއެކު، އެތަނާ ގުޅިފައިވާ ބައެއް މަގުތައް ހިމެނޭހެން 4200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ވަނީ މާރބްލް ޖަހާފައެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރާއެކު، ދައުލަތުގެ ބަޖެޓުން 5 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިއަށްގެންދެވި މަޝްރޫއެކެވެ. މިއަހަރު އެޕްރީލް މަހު ޢަމަލީ މަސައްކަތް ފެށުމަށްފަހު ރަމަޟާން މަހުގެ އެކެއްވީ، ޖޫން ހަވަނަ ދުވަހަށް ޢަމަލީ މަސައްކަތް ވަނީ ނިންމާލާފައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރަކީ، މޯލްޑްވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއެވެ. 

img:http://s4.psmnews.mv/images/660x400/14655036846742.jpg|އިސްލާމީ މަރުކަޒު މައިދާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މާރބްލް ޖަހާފައިވަނީ މިސްކިތުގެ ވަށާ ފާރުތައް ތަޅާލުމަށްފަހުގައެވެ. އަދި މާރބްލް ޖަހާފައިވާ ސަރަޙައްދުގެ ތެރެއިން ކުރީގެ ޖުމްހޫރީ ބިނާ ހުރިތަން ވަނީ ވަރަށް ހިތްގައިމު ގޮތަކަށް ޑިޒައިން ކޮށްފައެވެ. އެގޮތުން އެކި ކުލަކުލަތަކުގެ މާރބްލް ބޭނުންކޮށްގެން ވަކި ޑިޒައިނަކަށް ޒީނަތްތެރިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ބަދަލުތަކާއެކު އެ ސަރަހައްދަށް ވަނީ އިސްލާމީ މަރުކަޒު މައިދާނުގެ ނަމުން ނަން ދީފައެވެ.

މި ބަދަލުތަކާއެކު، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައެވެ. މިއީ އިސްލާމީ މަރުކަޒު ބިނާކުރިފަހުން، ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި އެތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލުކަންވެސް ފާހަގަކޮށްލެވެއެވެ. އިސްލާމީ މަރުކަޒާއެކު، މައިދާން ހިމެނޭގޮތުން އެއްފަހަރާ 20000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ މިހާރު ވަނީ ހަމަޖެހިފައެވެ.

img:http://s4.psmnews.mv/images/660x400/14655031992537.jpg|އިސްލާމީ މަރުކަޒު މައިދާނުގެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ މައްޗަށް އެކުލެވޭ ފޮޓޯ އަލްބަމެއް، ހައުސިން މިނިސްޓްރީގެ ފަރާތުން ރައީސް ޔާމީނަށް ހަދިޔާ ކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ މަރުކަޒު މައިދާން ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށްދިޔަ ގޮތުގެ މައްޗަށް އެކުލެވޭ ފޮޓޯ އަލްބަމެއް، ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ ރައީސް ޔާމީނަށް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސައްކަތް ބާރު ސްޕީޑްގައި ނިންމާލުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ. ޚާއްސަކޮށް ޗައިނާ ސަރުކާރުން ދެއްވި ދީލަތި އެހީ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14655034487486.jpg|ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

" ޗައިނާ ސަރުކާރުން ދެއްވި ދީލަތީ އެހީއާއެކު، މާރބްލް ހޯދާފައިވަނީ. އަދި ދައުލަތުގެ ބަޖެޓުންވެސް ޚަރަދު ކުރެވުނު. ވަރަށް އަވަސް މުއްދަތެއްގައި މި މަސައްކަތް ނިންމާލެވުނުކަން ފާހަގަކޮށްލަން. ގާތް ގަޑަކަށް 21 ދުވަސްތެރޭ މާރބްލް ޖަހާ ނިންމާލެވިފައި މިވަނީ. " މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދީނީ ސިޔާސަތުގެ ދަށުން، ދެން އެންމެ އަވަހަށް ފެށިގެންދާނެ މަޝްރޫޢަކީ، ސަޢުދީ ރަސްގެފާނު ހަދިޔާ ކުރައްވާ ބޮޑު މިސްކިތުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14655034140677.jpg|އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު - ފޮޓޯ: ރައީސް އޮފީސް

"ރައީސް ޔާމީންގެ ސަރުކާރުން އިސްލާމް ދީން ކުރިއެރުވުމަށް ވަރަށް އިސްކަމެއް ދެއްްވާ. އެގޮތުން ދެންވެސް، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ގުޅިގެންވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި މި ކުރެވޭ މަސައްކަތަކީ ދެވަނަ އިސްލާމީ މަރުކަޒެއް ބިނާ ކުުރުން. މިއަހަރުގެ ތެރޭގައި އެ މަސައްކަތްވެސް ފެށިގެންދާނެ. ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒު ދެއްވާ މި ހަދިޔާ އަކީ ރައީސް ޔާމީންގެ އިސްލާމީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިސްލާމީ ވަޙްދަތު ފެނިގެންދާނެ ފުރިހަމަ ބިނާއަކަށް ވާނެ. " މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. 

މާރބްލް ޖެހުމަށްފަހު، އެ ސަރަޙައްދު ހިޔާކުރުމަށް ނަބަވީ މިސްކިތުގައި ހުންނަ ފަދަ ކުޑަތަކެއް ޖެހުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް އެކަން ފެށޭނެ ތާރީޚެއް އަަދި ހާމަކުރައްވާފައެއް ނުވެއެވެ. މީގެ އިތުރުން މާރބްލް ޖަހާފައިވާ ސަރަޙައްދު ސާފު ކުރުމަށް މަސްޖިދުލް ޙަރާމް ގައި (ގެފުޅުގައި) ބޭނުން ކުރާ ވައްތަރުގެ ސާފުކުރާ މެޝިންތަކެއް މިހާރުވެސް ވަނީ ރާއްޖެ ގެނެސް، ބޭނުން ކުރަން ފަށާފައެވެ. މާދަމާ ކުރެވޭ ހުކުުރު ނަމާދު ވެގެންދާންދާނީ، މާރބްލް ޖެހުމަށްފަހު، ބޮޑު ޖަމާޢަތުގައި ކުރެވޭނެ ހުކުުރު ނަމާދަކަށެވެ.

އިސްލާމީ މަރުކަޒަކީ، މާލޭގެ މަލަމަތިން ފެންނަ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޤައުމިއްޔަތު ދައްކުވައިދޭ ބިނާއެކެވެ. މިސްކިތް ހިމެނޭ ސަރަޙައްދުގައި މާރބްލް ޖަހާ ޒިނާތްތެރިކުރުމުން، އެބިނާއަށާއި، އެ ސަރަޙައްދަށް އިތުރު ފުރިހަމަ ކަމެއް ވަނީ ލިބިގެން ގޮސްފައެވެ. އިސްލާމީ މަރުކަޒު މައިދާން ހުޅުއްވުމަށްފަހު، މިއަދު ކުރެވޭ ހުކުރު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.