ޚަބަރު

ލިވަޕޫލުން ގިޓެންސްއަށް ޝައުގުވެރިވޭ: ރިޕޯޓު


ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ވިންގް ޖެމީ ބީނޯ-ގިޓެންސް ހޯދުމަށް ލިވަޕޫލުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިހާރު އުމުރުން 20 އަހަރުގެ ގިޓެންސްއަށް ހަމައެކަނި ޝައުގުވެރިވަނީ ލިވަޕޫލުން އެކަނި ނޫން ކަމަށާއި، ޔޫރަޕްގެ އެކި ކުލަބުތަކުން ވަރަށް ގާތުން އޭނާގެ ކުޅުން ބަލަމުންދާ ކަމަށްވެސް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެކަމަކު، އެ ރޭހުގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލުން މިހާތަނަށް އައިއިރު އޭނާގެ ކުޅުން ބެލުމަށް ސްކައުޓުންވެސް ފޮނުވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގިޓެންސްގެ ކެރިއަރުގައި މިހާތަނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ފަހުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. މިފަހަރުގެ ސީޒަނުގައިވެސް ޑޯޓްމުންޑްގެ ކޯޗު ނޫރީ ސާހިންގެ އިރުޝާދުގެ ދަށުން ގިޓެންސް އަންނަނީ މޮޅު ކުޅުމެއްދައްކަމުންނެވެ.

އިނގިރޭސި އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅެފައިވާ ގިޓެންސް ވަނީ މި ފަހަރުގެ ސީޒަނުގެ ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި އެއިންޓްރަކްޓް ފްރެންކްފާޓާ ދެކޮޅަށް ޑޯޓްމުންޑުން ކާމިޔާބުކުރި ދެ ލަނޑު ޖަހައިދީ، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަށް ދެލަނޑުޖަހައިދީފައެވެ.

ގިޓެންސް އަކީ 2020 ވަނަ އަހަރު މެންޗެސްޓާ ސިޓީ ދޫކޮށްލުމަށްފަހު ޖަރުމަނު ލީގުގައި ވިދުން ގަދަވެފައިވާ ޒުވާން ކުޅުންތެރިއެކެވެ. އޭނާ އަކީ ޒުވާން އުމުރުގައި ސިޓީ ދޫކޮށްލުމަށްފަހު، ޖަރުމަނުގައި މޮޅު ކުޅުމެއްދައްކާފައިވާ ދެވަނަ ކުޅުންތެރިޔާ އެވެ.

މީގެކުރީން، އިނގިރޭސި ވިންގް، ޖޭޑަން ސަންޗޯ ވަނީ ޒުވާން އުމުރުގައި ސިޓީ ދޫކޮށްލުމަށްފަހު ޖަރުމަނަށް ގޮސް ޑޯޓްމުންޑްގައި ތަފާތު މޮޅު ކުޅުމެއްދައްކާފައެވެ. އެކަމަކު، އެނބުރި އިންގްލެންޑަށް އައިސް މެންޗެސްޓާ ޔުނައިޓެޑްގައި ތަފާތު ނުދެއްކުނެވެ. ނަމަވެސް، ފަހުން ޗެލްސީ އަށް ބަދަލުވެ، މިހާތަނަށްއައިއިރު އޭނާ ވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ.