ޚަބަރު

ސީ-ޓު-އެއަރ ކާގޯ ޚިދުމަތާ ގުޅުނު އެއަރލައިންތަކުގެ އަދަދު ހަތަކަށް


  • މި ޚިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އަވަހަށް ފޮނުވައިދޭ ޚިދުމަތެއް

  • މި ޚިދުމަތުގައި އާއްމުކޮށް ފޮނުވަނީ އަންނައުނު

ސީ-ޓު-އެއަރ ކާގޯ ޚިދުމަތާއި ގުޅުނު އެއަރލައިންތަކުގެ އަދަދު 7 އަށް އިތުރުވެއްޖެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

މި ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

މި އަހަރުގެ މާޗުމަހު އެމް.ޕީ.އެލުން ތަޢާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަންވިލާތަށެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ޚާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލްތަކަށް ދަތުރުކުރާނެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތުން ރާއްޖެއިން އާއްމުކޮށް ފޮނުވަނީ ބަންގުލަދޭޝުން ކަނޑުމަގުން ރާއްޖެއަށް ގެންނަ އަންނައުމެވެ.

މި ޚިދުމަތަށް އޮންނަ ތަރުހީބު އިތުރުވަމުން އަންނަ އިރު، އެއަރލައިންތަކުގެ ފަރާތުންވެސް މިކަމަށް އޮންނަ ޝައުގުވެރިކަން ދަނީ އިތުރުވަމުންކަން މި ޚިދުމަތާއި ގުޅޭ އެއަރލައިންތަކުގެ އަދަދުން ވެސް އެކަން ހާމަވެއެވެ.

އެމްޕީއެލުން ވިދާޅުވީ މި ޚިދުމަތާއި މިހާރު 7 އެއަރލައިނަކުން ގުޅިފައިވާ ކަމަށެވެ.

ސީ-ޓު-އެއަރ ކާގޯ ހިދުމަތާއި ގުޅިފައިވާ އެއަރލައިންތައް

- ގަތަރު އެއަރވޭސް
- އެމިރޭޓްސް
- ޓާކިޝް އެއަރލައިން
- އެރޯފްލޯޓު
- ގަލްފު އެއަރ
- ނިއޮސް އެއަރލައިންސް
- އިއްތިހާދު އެއަރވޭސް

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ.

އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެކަމަށެވެ.