ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެެއް ބޮޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިހާރު ޓެކްސްތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޖިލީހަށް ހުށަހަޅާފައެވެ. އަދި މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މި ބިލުތައް ވަނީ އެޖެންޑާކޮށްފައެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުން ގްރީން ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އުމުރުން 2 އަހަރުގެ ދަށުގެ ކުދިންނަށް މި ޓެކްސް ނުނަގާނެއެވެ.
މީގެއިތުރުން 16ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ދައުލަތަށް 201.9 މިލިއަން ރުފިޔާގެ އިތުރުވުމެއް ލިބޭނެއެވެ. ޓީޖީއެސްޓީގެ ބަދަލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މަޖިލީހަށް ހުށަހަޅާ ބިލްގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ހިމަނާފައިވާއިރު ދިވެހިންގެ އަތުން ނަގަމުން ދިޔަ ފީ އާއި ރޭޓްތައް ބޮޑުކުރުމަށް ނިންމާފައެއް ނުވެއެވެ. ހަމައެކަނި ނިންމާފައިވަނީ ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުކުރުމަށެވެ.
އެގޮތުން ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގާއިރު މި ބަދަލާއެކު ދެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުގައި 50 ޑޮލަރު ނަގާއިރު އެ އަދަދު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އެ އަދަދު 240 އަށް ބޮޑުކުރުމަށް އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގަމުން އަންނައިރު އެ އަދަދު 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެކަމަށް މާލީ ވުޒާރާއިން ލަފާ ކުރައްވައެވެ.