މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ނިޔާވި ވިފާގު އިބްރާހިމް އަދުނާނުގެ މަރާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ފުލުހުންނާއި ގުޅޭގޮތުން ގެނެސްދިނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ ވިފާގު އިބްރާހިމްގެ މަރާއި ގުޅޭގޮތުން ގެނެސްދީފައިވާ ޕްރޮގްރާމްގައި ފުލުހުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގު އިބްރާހިމްގެ މަރުގެ މައްސަލައަކީ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްކަމަށެވެ. އަދި މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވިފާގު އިބްރާހިމްގެ މަރާއި ގުޅިގެން ފުލުހުންނަށް ތުހުމަތުތަކެއް ކުރިނަމަވެސް، އެކަމުގައި ފުލުހުންގެ ބަސް ހޯދާފައެއް ނުވާކަން ޝިފާއު ފާހަގަކުރެއްވިއެވެ.
ޝިފާއު ވިދާޅުވީ އެ ޕްރޮގްރާމުގައި ޒާތީ ބައެއް މައުލޫމާތުތައް ހިއްސާކޮށްފައިވާއިރު އޭގައި ދޮގު މައުލޫމާތުތައްވެސް އެކުލެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ދޮގު މައުލޫމާތުތައް ފެތެރެމުންދާކަންވެސް ޝިފާޢު ފާހަގަކުރެއްވިއެވެ.
"ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމާއި ގުޅިގެން ފުލުހުންގެ ކަންބޮޑުވުންތައް އެބަހުރި. އެއީ ކަމުގެ ހަޤީޤަތް ރަނގަޅަށް ނުބަލާ، ބްރޯޑްކާސްޓް ކޮށްފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެންވާނީ އެ ޕްރޮގްރާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިހާރު ހިއްސާކޮށްފައި" ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ފުލުހުންގެ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ގޮތާއިމެދު އާންމުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް މައުލޫމާތު ގެނެސްދީފައިވާކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ތަހުޤީޤުކުރަމުންދަނީ އެއްވެސް ނުފޫޒެއްނެތި، އޮންނަ އުސޫލުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވަނީ މިފަދަ ހާދިސާތަކާއި ގުޅިގެން ކަށަވަރުނުވާ މައުލޫމާތުތައް ހިމަނައިގެން އެއްވެސް މީޑިއާއަކުން ޕްރޮގްރާމްތައް ނުގެނެސްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުގެ ޚަބަރުތައް ގެންނައިރު މީޑިއާތަކުން ސަމާލުވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.