ޚަބަރު

ސަކާއަށް އަނިޔާވެ، އިންގްލަންޑުގެ ސްކޮޑުން ވަކިވެއްޖެ


ބުކާޔޯ ސަކާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔުއެފާ ނޭޝަންސް ލީގުގައި އިންގްލަންޑުން މިރޭ ފިންލަންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ސަކާއަށް އަނިޔާވީ، ނޭޝަންސް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ގްރީސް އަތުން 1-2 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސަކާ ވަނީ ބަދަލުކޮށްފައެވެ.

އިނގިރޭސި އެފްއޭ އިން ވަނީ، ސަކާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅޭ އެންމެހާ ކަންތައްތައް އިތުރަށް ބެލުމަށް އޭނާގެ ކްލަބު، އާސެނަލް ޓީމާ އެނބުރި ގުޅިފައިވާ ކަމަށާއި، މިއާއެކު އިންގްލެންޑްގެ ސްކޮޑުން ވަކިވެފައިވާ ކަމަށެވެ.

ސަކާ އަށް މި ލިބުނު އަނިޔާ އަކީ އާސެނަލް އަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ. މިވަގުތު އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ވެސް ހުރީ އަނިޔާގައެވެ. އަދި، އެ ޓީމުގެ މިޑްފީލްޑަރު، ކައި ހަވާޓްޒް ވެސް މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި އަނިޔާގެ ސަބަބުން ޖަރުމަނާ ޓީމާ ގުޅިފައެއްނުވެއެވެ.

މީގެއިތުރުން، މި ފަހަރުގެ އިންގްލެންޑްގެ ސްކޮޑާ ފަހުން ގުޅުނު ލިވަޕޫލްގެ މިޑްފީލްޑަރު، ކާޓިސް ޖޯންސް ވެސް އަމިއްލަ ސަބަބަކާ ހުރެ އަނބުރާ ގައުމަށް ދިއުމާއެކު، މިވަގުތު އޮތް 22 ކުޅުންތެރިންގެ ސްކޮޑު ވަނީ ނޭޝަންސް ލީގުގައި ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ހެލްސިންކީ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އިންގްލެންޑް އޮތީ ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ގްރީސް އަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އިންގްލެންޑް އޮތްއިރު، ތިނެއްގައި އޮތް ރިޕަބްލިކް އޮފް އަޔާލެންޑަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.