ޚަބަރު

ފައިނަލުގައި ޖޮކޮވިޗާއި ސިނާގެ ކުރިމަތިލުމެއް


ޗައިނާގައި މިހާރު ކުރިއަށްދާ ވުހާން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް ސާބިއާގެ ނޯވަކް ޖޮކޮވިޗާއި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ދަތުރުކޮށްފިއެވެ.

ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ޖޮކޮވިޗް އޭނާގެ 100 ވަނަ އޭޓީޕީ ޓައިޓަލް ހޯދުމުގެ ފުރުސަތު ބޮޑުކޮށް ފައިނަލުން ޖާގަ ހޯދާފައިވަނީ މި މުބާރާތުގައި ހަތްވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާ ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލުގައި ފަސްވަނަ ފަހަރަށް ޖޮކޮވިޗް ވާދަކުރާއިރު އޭނާ ވަނީ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މި އަހަރުގެ ސީޒަން ސިނާ ނިންމާނެކަން ކަށަވަރުވި ސެމީ ފައިނަލުގައި އޭނާ ވަނީ ޗެކް ރިޕަބްލިކްގެ ތޯމަސް މަޗަކް ހައެއް ހަތަރެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗު ކާމިޔާބުކުރުމާއެކު ސިނާ ވެގެންދާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި އަހަރު ނިންމާ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ސީޒަނުގައި މިހާތަނަށް ސިނާ ވަނީ އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓައިޓަލްގެ ގޮތުގައި އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ޓެނިސް މުބާރާތާއިއެކު ޖުމްލަ ހަ މުބާރާތް ކާމިޔާބުކޮށްފައެވެ.