ކުޅިވަރު

ޔޫރޯ 2016 ހައި-ޑެފިނީޝަން ކޮށް ޕީއެސްއެމްގެ ޗެނަލް ތަކަށް


ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ރާއްޖޭގެ ހުރިހާރަށަކަށް ހައިޑެފިނިޝަންކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ވަގުތުން ދައްކަން ޕީއެސްއެމްއިން ނިންމައިފިއެވެ.

މާދަމާ ފަށާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޗެނަލްތަކުން މިފަހަރު ފެނިގެންދާއިރު، އަތޮޅުތަކުގެ ރަށްތަކަށް ހައި-ޑެފިނިޝަން ސިގްނަލް މިފަހަރު ޕީއެސްއެމުން ހިލޭ ފޯރުކޮށްދޭނެއެވެ.

ހައިޑެފިނިޝަންކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަގުތުން ދައްކަން ޕީއެސްއެމްއިން ނިންމާފައިވާއިރު، މި މުބާރާތުގެ މެޗުތައް ދެއްކުމަށްޓަކައި މީޑިއާ ނެޓާއިއެކު ޕީއެސްއެމުން ސޮއިކޮށްފައިވަނީ އިއްޔެއެވެ.

އެޗްޑީކޮށް ޔޫރޯގެ މެޗުތައް އަތޮޅުތަކުގެ ރައްޔިތުންނަށް ހިލޭ ޕީއެސްއެމުން ސިގްނަލް ދޫކުރަންވަނީ ނިންމާފައެވެ. އަތޮޅުތަކުގެ ރަށްތަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޕީއެސްއެމްގެ [email protected] މެއިލް އަށް މެއިލް ކުރެއްވުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދެއްކުމަށް ޕީއެސްއެމްގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަހަރު ޕީއެސްއެމްގެ ޔޫރޯ ކަވަރޭޖްކަމަށްވާ "ޔޫރޯދަ 2016" ކުރިއަށްދާނީ ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއެކީގައެވެ. މިގޮތުން ޓީމްތަކުގެ ސަޕޯޓަރުން ހިމަނައިގެން ފޭން ޝޯއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ސަޕޯޓްކުރާ ޓީމުގެ އެނަލިސްޓެއްގެ ގޮތުގައި ޕީއެސްއެމްގެ ޔޫރޯދަ ޝޯގައި ބައިވެރިވެވޭ މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މިފަދަ ބޮޑެތި މުބާރާތްތަކުގައި ޕީއެސްއެމްގެ ޓީވީއެމުން މީގެކުރިންވެސް ދައްކަމުންއަންނަ ދަނޑުފޯރި މިފަހަރުވެސް ޕީއެސްއެމްގެ ޗެނަލްތަކުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ޔޫރޯދަ 2016ގެ ކަވަރޭޖްގައި ޕީއެސްއެމް ޓީމުގައި ހިމެނެނީ ރާއްޖޭގައި މިހާތަނަށް މިފަދަ މުބާރާތްތައް އެންމެ ފެންވަރު ރަނގަޅުކޮށް ގެނެސްދީފައިވާ ޓީމެވެ.

ޕްރެޒެންޓަރުންގެ ގޮތުގައި ފެނިގެންދާނީ ކުޅިވަރު ނޫސްވެރިންގެ ތެރެއިން މިހާރު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ހުނަރުވެރި މޫނުތަކެވެ. މެޗުތަކުގެ އެނަލިސްޓުންގެ ގޮތުގައި ފެނިގެންދާނީ މިފަދަ މުބާރާތްތަކުގެ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް ގެނެސްދީފައިވާ ތަޖުރިބާހުރި ފަރާތްތަކެވެ. މިގޮތުން ޕީއެސްއެމްގެ ޓީމްގައި ހިމެނޭ ޢަލީ ސުޒޭންއަކީ 1994ވަނަ އަހަރުގެ ވޯލްޑްކަޕުން ފެށިގެން ޓީވީއެމުން ގެނެސްދީފައިވާ ހުރިހާ މުބާރާތެއްގައި ދިވެހިންނާ ބައްދަލުކޮށްފައިވާ އެނަލިސްޓެކެވެ. ސޮބާހް މުޙައްމަދާއި މުޙައްމަދު ނަޒީހަކީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ތަޖުރިބާ ހޯދައި މުބާރާތްތަކުގައި ފެނިގެންގޮސްފައިވާ މޫނުތަކެކެވެ. ޝިމާޒް ޢަލީ އަދި ޢަބްދުﷲ އަޒްމީނަކީ ކުޅިވަރު ކަވަރުކުރުމުގައާއި ދިރާސާ ކުރުމުގައި މިހާރު ރާއްޖޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ ދެ ނޫސްވެރިންނެވެ.

މިފަހަރު ޕީއެސްއެމް ޔޫރޯދަ 2016ގެ ޓައިޓްލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އެމްޓީސީސީގެ އެހީތެރިކަމާއިއެކު ޔޫރޯ 2016ގެ މެޗުތައް ދިވެހިންނާއި ހަމައަށް ޕީއެސްއެމްގެ ޔެސް ޓީވީ އަދި ޓީވީއެމުން ގެނެސްދޭއިރު، މިފަހަރުވެސް މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައި، ނަސީބުވެރިންނަށް އިނާމްތައްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ރައްޔިތުންނަށް އެންމެ ކޮލިޓީ ރަނގަޅުކޮށް މިފަހަރުގެ ޔޫރޯ 2016 ޕީއެސްއެމުން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.