ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރުގެ ބޭނުންކުރަން ފަށައިފިއެވެ. މިއީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިގެންދިޔަ އިތުރުކުރިއެރުމެކެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ މުހިންމު އެއް އިމާރާތަކަށް މިހާރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލެވެ. ޒަމާނީ ފެންވަރުގެ ތަފާތު އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އެކި ފަންގިފިލާ ޚާއްސަކޮށްފައިވަނީ ތަފާތު އެކި ޕްރޮސީޖަރތަކާއި ޚިދުމަތްތަކަށެވެ. އެގޮތުން ޑީއެޗް-11 މަޝްހޫރުވެގެންދިޔައީ ކޯވިޑް ދުވަސްވަރުއެވެ. އޭރު އެފަންގިފިލާ ބޭނުންކުރަމުންދިޔައީ ކޯވިޑްގައި ހާލަތު ގޯސްވާ މީހުންނަށް ޚާއްސަ ފަރުވާދޭ ތަނެއްގެ ގޮތުގައެވެ. ޑީއެޗް-11 ފަރުމާކޮށް ތަރައްޤީކޮށްފައިވަނީ ހިތާއި، ސިކުނޑިއާއި މައިބަދައިގެ ބޮޑެތި ސަރޖަރީތައް ކުރެވޭނެ ގޮތަށެވެ. ފަހުގެ ޒަމާނީ އާލަތްތަކާއެކު އެތަން ތަރައްޤީކުރިނަމަވެސް އެކި ސަބަބުތަކާއި ހުރެ އެތަން ބޭނުން ނުކޮށް ހުންނަތާ 5 އަހަރުވަނީ ވެފައެވެ.
ދަރުމަވަންތައިގެ ޑީއެޗް-11ގައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ތިއޭޓަރުގައި ހުކުރު ދުވަހުވަނީ ސަރޖަރީތައް ހަދަން ފަށާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ތަރައްޤީކޮށްފައިވާ ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރާއި، ކެތްލެބްގެ ޚިދުމަތް ފެށުމާއެކު އެތަނުން މިހާރު ސިކުނޑިއާއި މައިބަދައިގެ އިތުރުން ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެއެވެ. ހަމައެއާއެކު ހަށިގަނޑުގެ އެކި ތަންތަނުގައި ލޭގަނޑުވުމުގެ ސަބަބުން ހަދަންޖެހޭ އެކި ޕްރޮސީޖަރތައްވެސް ހެދޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން އެތަނުގައި ހެދޭ ޕްރޮސީޖަރތައް ފުޅާކުރުމަށް އިތުރު ވަޞީލަތް ހޯދުމުގެ މަސައްކަތްވެސްކުރަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
We are Excited to introduce a state-of-the-art Hybrid Operating Theatre with Cath Lab at Dharumavantha Hospital (DH11)! This advanced facility will enhance our services for neurological, cardiac, and peripheral interventional procedures, bringing world-class care to the Maldives.… pic.twitter.com/WktCd5QCB1
— IGMH (@igmhmv) October 11, 2024
ޑީއެޗް-11ގައި ޚާއްސަ ވަކި އައިސީޔޫއެއް ޤާއިމުކޮށްފައިވާއިރު އެތަނުގައި އެއްފަހަރާ 10މީހުންނަށް ޚިދުމަތްދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި ބޮޑެތި ސަރޖަރީތައް ހަދާފައިވާ ބަލި މީހުންނަށް ޚާއްސަ އިސްކަމެއްދީގެން މޮނީޓަރކުރަންޖެހޭއިރު އެފަދަ ނިޒާމެއް އެތަނުގައިވަނީ ޤާއިމުކޮށްފައެވެ. އަދި އެކަމަށް ބޭނުންވާ ސްޕެޝަލިސްޓް ނަރުހުންގެ ޓީމެއް ތަމްރީނުކޮށްފައިވާއިރު އިތުރު ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
އައިޖީއެމްއެޗްގައި މިހާރުވެސް އޮޕަން ހާޓް ސަރޖަރީކުރުމަށް ޤާބިލު ޓީމަކާއެކު ވަރުގަދަ ކާޑިއޮލޮޖީ ޓީމެއް އެބައޮތެވެ.
ނިއުރޯ ސަރޖަރީއަށް ބަލާއިރު މީގެ 2 އަހަރު ކުރިން ފެށިގެން ކުއްލި ހާލަތުގައި ހަދަންޖެހޭ އެކި ޕްރޮސީޖާރަތައްދަނީ ހަދަމުންނެވެ. މިއަހަރުގެ ޖުލައިމަހު ރާއްޖޭގެ މަޝްހޫރު ނިއުރޯ ސަރޖަން ޑރ.ޢަލީ ނިޔާފް އައިޖީއެމްއެޗާ ގުޅިވަޑައިގަތުމާއެކު މިހާރު އައިޖީއެމްއެޗްގެ ނިއުރޯ ޑިޕާޓްމަންޓުވެސްވަނީ ވަރުގަދަ ޓީމަކަށްވެފައެވެ. އައިޖީއެމްއެޗްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށް ދިނުމެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިވެހީން އާއްމުކޮށްދާންޖެހޭ އެކި ދާއިރާތައް އައިޖީއެމްއެޗްގައި ތަރައްޤީކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ގިނަ ޒަމާންތަކެއް ވަންދެން އެންމެ އެދެވޭގޮތުގައި އަޅާނުލެވި އޮތް މިދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެހޮސްޕިޓަލުން ޤަބޫލުކުރެއެވެ.
ހޮސްޕިޓަލުގައި ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބެޑް ކެޕޭސިޓީ އިތުރުކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން 4 ފަންގިފިލައަށް ތަރައްޤީކުރާ އައު އިމާރާތާއެކު އިތުރު 74 އެނދު އިތުރުވެގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެއްހާ އެނދެވެ.