ނޭޓޯއިން މެޑިޓެރޭނިއަން ކަނޑުގައި އަސްކަރީ ބާރު ވަރުގަދަ ކުރަމުން އެބަދެއެވެ.
ނޭޓޯގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވީ މިއީ ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގެ ކުރިން މެޑިޓެރޭނިއަން ކަނޑުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްކަމަށެވެ.
މިއާއެކު ނޭޓޯގައި ހިމެނޭ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް މެޑިޓެރޭނިއަން ކަނޑަށް މިސްރާބު ޖަހާފައިވާކަމަށް ނޭޓޯގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނާގޮތުން މަތިންދާބޯޓު އުފުލާ އެމެރިކާގެ މަނަވަރެއް ކަމަށްވާ ހެރީ ޓްރޫމަން މިހާރުވަނީ މެޑިޓަރޭނިއަން ކަނޑަށް ދިޔުމުގެ މަގުމަތީގައެވެ. އަދި ގަލްފުގައިވާ މަތިންދާބޯޓު އުފުލާ އެހެން މަނަވަރެއްކަމަށްވާ ޑުވައިޓް ޑި އެއިޒެންހަވަރ އަނބުރައި އެމެރިކާއަށް ކުރާ ދަތުރުގައި މެޑިޓެރޭނިއަން ކަނޑު ހުރަސްކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.
މީގެއިތުރުން އިޓަލީއާއި އިނގިރޭސިވިލާތާއި ތުރުކީވިލާތުގެ ބައެއް މަނަވަރުތައްވެސް އަންނަ ހަފްތާގައި މެޑިޓެރޭނިއަން ކަނޑުގައި ހަރަކާތްތެރިވާނެކަމަށް ނޭޓޯއިން ބުނެއެވެ.