އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ވިޔަފާރި ސަރަޙައްދަކަށް ދިން ބަޑީގެ ޙަމަލާތަކެއްގައި އިސްރާއީލުގެ ހަތަރު މީހުން މަރުވެ، ހަ މީހުން ޒަޚަމްވެއްޖެއެވެ.
އިސްރާއީލުގެ ފުލުހުން ބުނީ ޓެލްއަވީވުގެ ވިޔަފާރިއާއި ކުޅިވަރުކުޅޭ މަރުކަޒުތައް ހިމެނޭ "ޝާރޫނާ" ސަރަހައްދަށް ބަޑިން ޙަމަލާތައް ދިނީ ފަލަސްތީނު ދެމީހުން ކަމަށާ އެދެމީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
މިއީ އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަމުންދާ ފަލަސްތީނުގެ ޒުވާނުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިޔަށްގެންދާ އިންތިފާޟާގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މިއިންތިފާޟާ ފެށިފައިވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހެދުމާ އަދި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ގާނޫނީ މަޝްރޫއު ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލު ދެކޮޅު ހެދުމާ ގުޅިގެނެވެ. މީގެއިތުރުން އިސްރާއީލުގެ ގޯނާތަކާއި ދުއްތުރާތައް މާތްވެގެންވާ މަސްޖިދުލްއަގްސާއަށް އިންތިހާއަށް ބޮޑުވެގެން ދިޔުމަކީވެސް މިއިންތިފާޟާ ފެށުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރީ ހަރަކާތްތަކާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުން ފެށި މި އިންތިފާޟާގައި މިހާތަނަށް ފަލަސްތީނުގެ ސަތޭކަ ނުވަދިހައަށްވުރެ ގިނަމީހުން އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ އަތްދަށުން ޝަހީދު ވެފައިވާއިރު ފަލަސްތީނުގެ ޒުވާނުންގެ ޙަމަލާތަކުގައި އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ ތިރީހަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.
ފަލަސްތީނުގެ ޒުވާނުންގެ މި އިންތިފާޟާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ ސިފައިންނަށާއި ފަލަސްތީނުގެ ބިންތަކުގައި ފައި ހަރުކޮށްލައިގެން އުޅޭ ޔަހޫދީ ވަޒަންވެރިންނަށް ވަޅިންނާއި ބަޑިންނާ އަދި ކާރުފަދަ ވެހިކަލްތައް ބޭނުންކޮށްގެން ހަމަލާދިނުމެވެ. ބުދަދުވަހުގެ ރޭ އިރާކޮޅު ޓެލްއަވީވުގެ ވިޔަފާރިއާއި ކުޅިވަރުކުޅޭ މަރުކަޒުތައް ހިމެނޭ "ޝާރޫނާ" ސަރަހައްދަށް ދިން ބަޑީގެ ޙަމަލާތަކަކީވެސް ފަލަސްތީނު އިންތިފާޟާގެ ހަރަކާތެއްކަމަށްވަނީ ބެލެވިފައެވެ.
img:http://s4.psmnews.mv/images/660x400/14654556705442.jpg|އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވަނީ
މިޙަމަލާތައް ދީފައިމިވަނީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ޓެލްއަވީވް އަށް ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ޓެލްއަވީވުގައި ހުންނަ އިސްރާއީލުގެ ދިފާއީ ވުޒާރާގެ ކައިރިއަށް ދިން މިހަމަލާތަކަށްފަހު ނަތަންޔާހޫ ވަނީ ދިފާއީ ވުޒާރާއަށް ވަޑައިގެން އިސްރާއީލުގެ ބައެއް ވަޒީރުންނާއި އަމަނާބެހޭ އިސްފަރާތްތަކާ ބައްދަލުކުރައްވައި މިހާދިސާއާ ގުޅޭކަންކަން ސާފުކުރައްވައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އިސްރާއީލުގެ ފުލުހުން ބުނާގޮތުން ބަޑިން ހަމަލާތައް ދިނީ ޔަހޫދީ ދީނީ މީހުން އަޅައިގެން ތިބޭ ޒާތުގެ ހެދުމެއް އަޅައިގެންތިބި ފަލަސްތީނު ދެމީހުންކަމަށެވެ. އެ ދެމީހުން ބަޑި ނެގުމަށްފަހު ހަމަލާތައް ދޭން ފެށީ އެސަރަހައްދުގައިވާ ރެސްޓޯރެންޓަކަށް ވަދެ ރޭގަނޑުގެ ކެއުމަކަށް އޯޑަރު ކުރުމަށްފަހުގައިކަމަށް ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތަކުން ހާމަވާކަމަށްވެސް އިސްރާއީލުގެ ފުލުހުން ބުނެއެވެ.
މި ހަމަލާތައް ދިން ފަލަސްތީނުގެ ދެމީހުން ވަދެތިބި ރެސްޓޯރެންޓަކީ އިސްރާއީލުގެ އަސްކަރީ އޮފިސަރުންނާއި ދިފާއީ ވުޒާރާގެ މަސްއޫލުވެރިން ވަރަށް ގިނައިން ވަންނަވާ ރެސްޓޯރެންޓެކެވެ. އެހެންކަމުން އެތަނުގައި މިފަދަ އަމަލެއް ހިންގުމުގެ ކުރިން އިސްރާއީލުގެ ޖާސޫސީ އިދާރާއަށާއި ފުލުހުންނަށް ރޭކާ ނުލުމަކީ އިސްރާއީލުގެ އަމަނާބެހޭ އިދާރާތަކަށް ކުރިމަތިވި ވަރަށްބޮޑު ނާކާމިޔާބީއެއްކަމަށް މުރާސިލުން ބުނެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިހަމަލާތަކަށް މަރުހަބާ ކިޔާފައިވާއިރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔަހޫ ވަނީ މިއީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސިފަކުރައްވައި މިހަމަލާތަކަށް ރައްދު ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.