ޚަބަރު

ސައިކަލް ޓެކްސީއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ


ސައިކަލް ޓެކްސީގެ ޚިދުމަތް ދޭން ހުޅުވާލެއްވި ފުރުޞަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ސައިކަލް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ހަތް ފަރާތަކުން ބައިވެރިވިނަމަވެސް މި ޚިދުމަތާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް އަދިވެސް ގިނަބަޔަކު އެދެމުންދާކަމަށެވެ. އަދި، އެ ފަރާތްތަކަށް މި ޚިދުމަތާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ސައިކަލު ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންޖެހެނީ މިމަހު 22 ވަނަ ދުވަހުގެ ކުރިންނެވެ.

މި ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލައްވާނީ ހަމައެކަނި މާލޭ ސިޓީއަށް ޚާއްޞަކޮށްގެން ނޫންކަމަށާއި، މި ޚިދުމަތް ދިނުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ހުޅުވާލައްވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ޓެކްސީގެ ޚިދުމަތް ލިބިގަންނަ އިރު، ޚިދުމަތްދޭ ސެންޓަރާއި، ޑްރައިވަރުން ޢިޚްތިޔާރު ކުރުމުގެ ފުރުޞަތު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންދާނެއެވެ.

ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ފަށައިގަންނައިރު ދޭނީ ދެ ފަރާތަކަށް ކަމަށާއި، ނަމަވެސް ފަހުން އިތުރު ފަރާތްތަކަށް ހުއްދަ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ހުއްދަ ދެއްވާއިރު ބައްލަވާނީ ޒަމާނީ ފެންވަރަކަށް، އެކަށީގެންވާ ގޮތެއްގައި ޚިދުމަތްދެވޭ ބަޔަކަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދަތުރަކަށް ދިހަ ރުފިޔާގެ ރޭޓުން މޮޓޯބައިލް ޓެކްސީ ނުވަތަ ސައިކަލުގައި ޓެކްސީ ކުރުމުގެ ޚިދުމަތް ތަޢާރަފްކުރައްވާއިރު ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން ކުރާގޮތް ބައްލަވާ އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭތޯ މަސައްކަތް ކުރައްވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.