ދީން

"ކުށްތަކަށް ތައުބާވެ، ދުޢާކުރުން މަތީ ދެމިތިބޭ ބަޔަކަށް ވާންޖެހޭ"


އިންސާނުންނަށް ކުރެވޭ ކުށްތަކަށް ތައުބާވެ ﷲ ގެ މަތިވެރި ޙަޟްރަތުން ވާގިއެދި ދުޢާކުރުންމަތީ ދެމިތިބޭ ބަޔަކަށްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މައުމޫން ފައުންޑޭޝަނުން ކޮންމެ ރަމަޟާން މަހަކު ބާއްވާ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވާ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މި ފޯރަމްގައި ދަރުސް ދެއްވާފައިވަނީ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އަދި ދީނީ ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.

މި ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ދެއްވި ދަރުސްގައި އެމަނިކުފާނު ވަނީ ކުށްތަކަށް ތަޢުބާވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ކުށްތަކަށް ތަޢުބާވެ ﷲގެ މަތިވެރި ޙަޟްރަތުން ވާގި އެދި ދުޢާކުރުންމަތީ ދެމިތިބޭ ބަޔަކަށްވުމަށް އެންމެންނަށް ގޮވާލައްވާފައެވެ. ޑރ. ޒިޔާދު ވިދާޅުވީ، ކުށްތަކަށް ތަޢުބާވެ، ﷲ އަށް ދުޢާކުރާނަމަ އެމީހަކަށް ރަނގަޅު ގޮތްތައް އެކަލާންގެ މިންވަރު ކުރައްވަވާނެ ކަމަށެވެ. އަދި، ކުށްކުރުމާއި ދުރުހެލިވުމަށް ބަރާބަރަށް ނަމާދު އަދާކޮށް ޤުރުއާން ކިޔެވުމަކީ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިކަމުގެ ހެކި އިސްލާމީ ތާރީޚުން ފެންނަން ހުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ދެއްވި ދަރުސްގައި، އެމަނިކުފާނުވެސް ވަނީ ނަމާދުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތަކަކީ ނަމާދަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއްކަމަށެވެ. މިކަމަށް ރިޢާޔަތްކުރައްވާ ޝެއިޚް ވިދާޅުވީ މިކަމަކީ މައިންބަފައިން ވިސްނަންވެއްޖެ ކަމެއް ކަމަށާއި، ކުއްޖާއަށް ހަތް އަހަރުވުމުން ނަމާދު ކުރަން ދަސްކޮށްދީ، އެކަމަށް ބާރުއަޅަންޖެހޭކަމަށެވެ. 

ހަމައެހެންމެ ދިހަ އަހަރުވުމުން އަދަބު ދީގެންވެސް އެކަމަށް އެކުދިން ހޭނުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް ޝެއިޚް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ފޯރަމްތައް ބޭއްވުމަކީ މައުމޫން ފައުންޑޭޝަނުން ހިންގާ އެންމެ މުހިއްމު އެއް ޕްރޮގްރާމެވެ.