ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފަހު ވަގުތު ލުއިޒް ހެންރިކް ވައްދާލި ލަނޑާއެކު ޗިލީ އަތުން 1-2 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެއްޖެއެވެ.
މިއީ ކޮލިފައިންގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. މީގެތެރެއިން، އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި، މިއީ ރަށުން ބޭރުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.
ބްރެޒިލުން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުކުޅެއެވެ. އޭގެތެރޭގައި، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު، އެލިސަން ބެކާ އާއި ވިނީޝިއުސް ޖޫނިއާގެ އިތުރުން އެޑާ މިލިޓާއޯ ހިމެނެއެވެ. މީގެއިތުރުން، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ނޭމާ އަދިވެސް ހުރީ އަނިޔާގައެވެ.
ޗިލީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ފެލިޕޭ ލޮޔޯލާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑުއާޑޯ ވާގަސް އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ. އޭގެފަހުން، ޗިލީގެ ލީޑް ފުޅާކޮށްދޭން ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ބްރެޒިލަށް އެއްވަރުކޮށްދިނީ އީގޯ ޖީސަސް އެވެ. އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޖީސަސް މި ލަނޑުޖެހީ ސަވީނިއޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ބްރެޒިލްގެ ބޮޓަފޯގޯ އަށް ކުޅެމުންއަންނަ ޖީސަސް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ އޭނާގެ ފަރާތުން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ބްރެޒިލުން މެޗުގެ ކޮންޓްރޯލް އަތުލާފައިވާއިރު، މި މެޗުން އެ ޓީމަށް ހައްގު މޮޅު ހޯދައިދިނީ 89 ވަނަ މިނެޓުގައި ލުއިޒް ހެންރިކް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުމެ، ބޮޓަފޯގޯ އަށް ކުޅެމުންއަންނަ ލުއިޒް ހެންރިކް މި ލަނޑުޖެހީ އޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އޭނާ މި ލަނޑުޖެހީ ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު، ބްރޫނޯ ގިމަރޭޝް ދިން ބޯޅައަކުންނެވެ.
މި މެޗުން ހޯދީ މޮޅާއެކު ބްރެޒިލުން ވަނީ ނުވަ މެޗުން 13 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. އެ ޓީމާ އެއްވަނައިގައި އުޅޭ ވާދަވެރި އާޖެންޓީނާއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި ނަތީޖާއާއެކު ޗިލީ އޮތީ ފުލުން ދެވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.
ބްރެޒިލަށް ދެން އޮތީ އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޕެރޫއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.