ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ބެލްޖިއަމް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، އިސްރާއީލް އަތުން 4-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެއެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު, އިޓަލީއަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ބެލްޖިއަމްއަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލިބިފައިވަނީ ގްރޫޕްގެ ތިންވަނަ އެވެ.
މެޗުގެ ފުރަތަމަ މިނިޓުގައި އިޓަލީގެ އެންދްރިއާ ކެމްބިއާސޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އިޓަލީއަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 23 މިނިޓް ފަހުން މަޓިއޯ ރެޓެގުއި ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް އިޓަލީއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 40 ވަނަ މިނިޓުގައި އެ ޓީމުގެ ލޮރެންޒޯ ޕެލެގްރީނީ އަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ޕެލެގްރީނީ އަށް ރަތް ކާޑު ދައްކާފައިވަނީ އާތުރް ތިއޭޓް އަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހުގަ އެވެ.
ޕެލެގްރީނީ އަށް ރަތް ކާޑު ދެއްކިތާ ދެވަނަ މިނިޓުގައި ބެލްޖިއަމްގެ މެކްސިމް ޑިކުއިޕަރ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދުތައް އާކޮށްދީފަ އެވެ. މި މެޗުގައި ބެލްޖިއަމް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއަންދްރޯ ޓްރޮސާޑް އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ފްރާންސުން 4-1 ގެ ނަތީޖާއަކުން އިސްރާއީލް ބަލިކޮށްފައިވާއިރު، މި މެޗުގެ 6 ވަނަ މިނިޓުގައި އެޑުއާޑޯ ކަމަވިންގާ ވަނީ ފްރާންސަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ 24 ވަނަ މިނިޓުގައި އިސްރާއީލްގެ އޮސްކާ ގަންޑެލްމަން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، އޭގެ ހަތަރު މިނިޓު ފަހުން ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑެއް ކާމިޔާބުކޮށް ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 87 ވަނަ މިނިޓުގައި މަޓިއޯ ގުއެންޑޯޒީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލު ކުރިތާ ދެވަނަ މިނިޓުގައި ބްރޭޑްލީ ބަރކޯލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗަށް ފްރާންސް ނިކުތްއިރު އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ ނުކުޅެއެވެ. އަދި މިއީ ގްރޭޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން ފްރާންސް ކުޅުނު ފުރަތަމަ މެޗެވެ.