ޚަބަރު

ތައުލީމީ ވުޒާރާގެ އައު ވެބްސައިޓުން ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ: ތައުލީމީ ވަޒީރު


  • ވެބްސައިޓް އިފުތިތާހުކޮށްދެއްވީ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

  • ހުރިހާ ސްކޫލްތަކެއްގެ މައުލޫމާތު ވަނީ ހިމަނާފައި

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ މައުލޫމާތު ހިމެނޭގޮތަށް ތައުލީމީ ވުޒާރާގެ އާ ވެބްސައިޓް އިފުތިތާހުކޮށްފިއެވެ.

މި ވެބްސައިޓް އިފުތިތާހުކޮށްދެއްވީ ތައުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ މި ވެބްސައިޓަކީ 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށްފަހު، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެއްކަމަށެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މައުލޫމާތު ލިބޭނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ފަރުމާކޮށްފައިވާއިރު، އެ ވެބް ޕޭޖުން، ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މުހިއްމު މައުލޫމާތުތައް ފެންނަން ހުންނާނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެކަމަށްވެސް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އައު ވެބްސައިޓް މެދުވެރިކޮށް މިނިސްޓްރީއާ ގުޅޭ ހަބަރާއި އިއުލާންތައް އަދި ސާކިއުލާ ފަދަ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެކަމަށެވެ.