ޚަބަރު

އެފްއޭއެމަށް އައު ޖެނެރަލް ސެކްރެޓަރީއެއް ހޯދުމަށް އިއުލާންކޮށްފި


ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން އެކުލަވާލާފައިވާ ނޯމިއަލައިޒޭޝަން ކޮމިޓީން ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖެނެރަލް ސެކްރެޓަރީއެއް ހޯދަން އިއުލާންކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މަހުގެ ހަވަނަ ދުވަހު އިއުލާންކޮށްފައިވާ ގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ މައިގަނޑު ޒިންމާ އަކީ އެފްއޭއެމްގެ މަތީ މެނޭޖުމަންޓާއެކީ ފުޓްބޯޅައާ ގުޅުންހުރި މަސައްކަތްތަށް ކުރުމެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރަކީ މަދުވެގެން ބިޒްނަސް އެޑްމިނިސްޓްރޭޝަން ގަވަރނަންސް ލޯ އަދި އެއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިގްރީއެއް އޮތުމެވެ.

އަދި އެކަމުގައި ކުޅިވަރާއި ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ފާސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ އޮންނަން ޖޭހޭނެ ކަމަށްވެސް އިއުލާންގައި ވަނީ ބުނެފައެވެ. އަދި އެކަމުގައި އޭއެފްސީ އާއި، ފީފާ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އަދި ރާއްޖޭގެ ކުލަބުތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ފަހު ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ 12:00 އެވެ.

މި ވަގުތު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މަގާމުގައި ހުރީ މުޙައްމަދު ޖައުޝަން ޝަރީފެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، އެ ކޮމެޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވަނީ ޖައުޝަން އާއެކު ކުރިއަށްދިޔުމަށް ނުނިންމާ ކަމަށާއި، އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީއާއެކު މަސައްކަތްކުރަން ތިބިހާ ހިނދަކު އެއްވެސް މީހަކު ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ފެށުމާއެކު ޖައުޝަންގެ އިސްތިއުފާގެ ސިޓީ ލިބުނު ކަމަށާއި، އެހެންނަމެވެސް އިސްތިއުފާ ދިނުމަކީ ކުޅިވަރުގެ އިލްމު އުނގެނިގެން ހުރި، ކުޅިވަރުގެ ހިންގުތެރިޔަކު ކުރާނެފަދަ ކަމެއް ނޫން ކަމަށް ދެންނެވި ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު ކުޅިވަރުގެ ތެރެއިން އެ މަގާމަށް މީހަކު ހޯދުމަށް ފައިސާއެއް ނެތް ކަމަށާއި، ފައިސާ ހޯދޭނެ މަގެއްވެސް އަދި ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެ ކަމަށް އަލިމެއްގެ ފެންނަންދެން، ކޮމިޓީއެކު ޖައުޝަން މަސައްކަތް ކޮށްދެއްވުމަށް އެދުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.