ދުނިޔެ

ޕީކޭކޭގެ ހަތްހާސް ހަނގުރާމަވެރިން މަރާލެވިއްޖެ- ތުރުކީ


ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ތުރުކީ ސިފައިން ޕީކޭކޭ ޖަމާޢަތާ ދެކޮޅަށް ދިން ޙަމަލާތަކުގައި އެޖަމާޢަތަށް ނިސްބަތްވާ ހަތްހާސް ހަސަތޭކަ އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާނެކަމަށް ތުރުކީވިލާތުން ބުނެފިއެވެ. 

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވި ސުލްޙައިގެ އެއްބަސްވުން އުވާލީ ޕީކޭކޭ އިން ކަމަށާ އެއްބަސްވުން އުވާލުމަށްފަހު ތުރުކީ ސިފައިން ޕީކޭކޭ އާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތައް ކާމިޔާބު ކަމަށެވެ. ތުރުކީ ސިފައިންގެ އަސްކަރީ އޮޕަރޭޝަންތަކުގައި މަރުވި ކުރުދީ ޢާންމުންނާބެހޭގޮތުން އުރުދުޣާން އެއްޗެއް ވިދާޅެއްނުވެއެވެ. 

ނަމަވެސް ތުރުކީ ސިފައިން ޕީކޭކޭ އާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ކުރުދީ ޢާންމުންގެ އެތަށްބަޔަކުވެސް މަރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޕީކޭކޭ އަކީ ތުރުކީވިލާތުގެ ބައިމަދު ކުރުދީ ދަރިކޮޅުގެ މީހުންގެ ސިޔާސީ އިޖްތިމާޢީ އަދި ޘަގާފީ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމާޢަތެއްކަމަށް އެޖަމާޢަތުން ބުނެއެވެ. ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ޕީކޭކޭ އިން އުވާލާފައިވަނީ ދެހާސް ފަނަރަވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.