އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ގްރޫޕް ސްޓޭޖުގައި އީރާންގެ ޓްރެކްޓަރ އެސްސީއާ ދެކޮޅަށް އިންޑިއާގެ ސުޕަ ލީގުގެ މޯހަން ބަގާން ސުޕަ ޖަޔަންޓުން މިދިޔަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް މެޗަށް އެ ގައުމަށް ހާޟިރުނުވުމުން އެ މުބާރާތުން ވަކިވެފައިވާކަމަށް އޭއެފްސީ އިން ބުނެފިއެވެ.
އެ މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ މޯހަން ބަގާނުން އީރާނުގެ ތަބްރީޒްގައި ޓްރެކްޓަރ އެސްސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޟިރުނުވީ ސަލާމަތީ ސަބަބުތަކަކަށްޓަކައެވެ. މި ދެ ޓީމުގެ މެދުގައި އެ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އީރާނުން އިޒްރޭލަށް ބެލިސްޓިކް މިސައިލްތަކުން ހަމަލާދިން ދުވަހުގެ ޖެހިގެންއައި ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން އޭއެފްސީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ، މޯހަން ބަގާނުން އެ މެޗަށް ހާޟިރުނުވުމުން އެ ކްލަބުން ގްރޫޕް އޭ ގައި ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް ބާޠިލްވެ، މުބާރާތުން ވަކިވީ ކަމަށް ބެލެވޭނެ ކަމަށެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މޯހަން ބަގާންގެ ގިނަ ކުޅުންތެރިން މެނޭޖްމަންޓަށް ސިޓީ ފޮނުވައި، މިސައިލް ދޫކޮށްލި ތަންތަނުގެ ތެރެއިން އެއް ތަނަކަށްވާ އީރާނުގެ އުތުރު-ހުޅަނގުގައި އޮންނަ ޓްރެކްޓަރު އެސްސީ ނިސްބަތްވާ ސިޓީ އަށް ދަތުރުކުރާނަމަ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.
އީރާނުން މިދިޔަ އަންގާރަ ދުވަހު 180 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލްތަކުން އިޒްރޭލަށް ހަމަލާދިނީ ލުބްނާންގައި ހިޒްބުﷲ އާ ދެކޮޅަށް ހިންގި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުންނެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ އޭގެ "ނަތީޖާ" ދައްކުވައިދޭނެކަމަށް ބުނެފައެވެ.
އޭއެފްސީ އިން ބުނެފައިވަނީ، މޯހަން ބަގާންގެ މައްސަލައާމެދު އިތުރަށް ގޮތެއް ނިންމުމަށް ކޮންޓިނެންޓަލް ބޮޑީގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށެވެ.