ދުނިޔެ

އުތުރުކޮރެއާގެ ޔޮންގްބިއޮން ކާރުޚާނާގައި މަސައްކަތް ފަށައިފި


އުތުރުކޮރެއާގެ ޔޮންގްބިއޮންގައި ހުރި ނިއުކްލިއަރ ކާރުޚާނާގެ ރިއެކްޓަރުތައް އަނެއްކާވެސް އޮޕަރޭޓްކުރަން ފަށާފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ، އައި.އޭ.އީ.އޭއިން ބުނެފިއެވެ. 

ޔޮންގްބިއޮން ކާރުޚާނާއަކީ އުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމަށް ޕްލުޓޯނިއަމް ފޯރުކޮށްދޭ ކާރުޚާނާއެކެވެ. މި ކާރުޚާނާގެ ރިއެކްޓަރުތައް 2007 ވަނަ އަހަރު ވަނީ ނިއްވާލާފައެވެ. ނަމަވެސް މިދިޔަ އަހަރު މި ކާރުޚާނާގައި އަލުން މަސައްކަތް ފަށާފައިވާކަމަށް އުތުރުކޮރެޔާއިން ވަނީ ބުނެފައެވެ.

އޭގެފަހުން އުތުރުކޮރެއާ އިން ވަނީ ހަތަރު ފަހަރެއްގެ މަތިން ނިއުކްލިއަރ ހަތިޔާރު ޓެސްޓްކޮށްފައެވެ. މިޓެސްޓްތަކަކީ ބައިނަލްއަޤްވާމީ މުޢާޙަދާތަކާއި ޚިލާފު ޢަމަލުތަކެއްކަމަށް ބުނެ އ.ދ އިން ވަނީ އުތުރުކޮރެއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އައި.އޭ.އީ.އޭއިން ބުނީ 2009 ވަނަ އަހަރު އެއޭޖެންސީ އުތުރުކޮރެއާއިން ބޭރުކުރިފަހުން އެޤައުމުގެ ނިއުކްލިއަރ ޙަރަކާތްތައް ކުރިއަށްދާގޮތް ނޭނގޭކަމަށާއި، އަދި މިފަދަ ކާރުޚާނާތަކުގައި މަސައްކަތްކުރަމުންދޭތޯ ބެލުމުގެ މަސައްކަތް ބަރޯސާވެފައިވަނީ ސެޓްލައިޓް މެދުވެރިކޮށް ހޯދޭ މަޢުލޫމާތުގެ މައްޗަށްކަމަށެވެ. 

އައި.އޭ.އީ.އޭގެ އިސްވެރިޔާ ވެރިޔާ ޔުކިއޯ އަމާނޯ ވިދާޅުވީ ޔޮންގްބިއޮން ނިއުކްލިއަރ ކާރުޚާނާގައި ހުންނަ 5 މެގަވޯޓްގެ ރިއެކްޓަރު އަލުން އޮޕަރޭޓްކުރަން ފަށާފައިވާކަމަށާއި ޔުރޭނިއަމް ފައްކާކުރުމުގެ ވަޞީލަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްކުރާކަމުގެ މަޢުލޫމާތުގެ ލިބެމުންދާކަމަށެވެ. 

ޔޮންގްބިއޮން ކާރުޚާނާގައި މަސައްކަތްކުރަމުންދާކަމަށް ބެލޭކަމަށް އުތުރުކޮރެއާގެ ނިއުކްލިއަރ ޙަރަކާތްތައް ގާތުން ބަލަމުންދާ އެހެން ފަރާތްތަކުންވެސް ވަނީ ބުނެފައެވެ.