ޚަބަރު

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭ އެޕް


ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޑަބްލިއު.އެފް.ޕީން ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަމުންދާ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުވައިދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ޝެއަރ-ދަ-މީލް މޮބައިލް ފޯން އެޕްލިކޭޝަން ޢަރަބި ބަހުން ނެރެފިއެވެ.

ކާބޯތަކެތީގެ އެހީލިބިދިނުމުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޑަބްލިއު.އެފް.ޕީގެ ޝެއަރ-ދަ-މީލް މޮބައިލްފޯން އެޕްލިކޭޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކެއުން ހަމަޖައްސައިދިނުމުގެ ފުރުޞަތު ފަހިކޮށްދޭ އެޕްލިކޭޝަނެކެވެ. 

މިއެޕްލިކޭޝަނުން އެކި ޤައުމުތަކުގައި ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް މިހާރު ކުރިޔަށް ގެންދާ ކެމްޕެއިންގެ ތެރެއިން ބެއިރޫތްގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ސޫރިޔާގެ 3 އަހަރާއި 4 އަހަރާއި ދެމެދުގެ 1400 ކުދިންނަށް އެއް އަހަރު ވަންދެން ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެއްކުއްޖަކަށް ދުވާލެއްގެ ކެއުން ފަންސާސް ސެންޓް ހޭދަކޮށްގެން ފޯރުވައިދެވޭއިރު ހަފްތާއަކަށް ޖެހޭ އަގަކީ ތިން ޑޮލަރު ފަންސާސް ސެންޓެވެ. އަދި އެއްމަހުގެ ކެއުން އެންމެ ފަނަރަ ޑޮލަރަށް ހަމަޖައްސައިދެވޭއިރު ތިންމަހުގެ ކެއުން ސާޅީސްފަސް ޑޮލަރަށް އަދި އެއް އަހަރުގެ ކެއުން ސަތޭކަ އަށްޑިހަ ދެޑޮލަރު ފަންސާސް ސެންޓަށް ހަމަޖައްސައިދެވެއެވެ.

އިނގިރޭސި ބަހުންނާއި ޖަރުމަނު ބަހުން މިދިޔަ އަހަރު ނޮވެމްބަރު މަހު ތަޢާރަފްކުރި މިއެޕްލިކޭޝަން ތަޢާރަފްކުރި ހިސާބުން ފެށިގެން މިހާތަނަށް މިއެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ޕޮއިންޓް ނުވައެއް މިލިއަން ކެއުން ވަނީ ފޯރުކޮށްދީފައެވެ. އަދި މިހާތަނަށް މިއެޕްލިކޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ކެމްޕެއިންތަކުން ތެރެއިން ލެސޯތޯގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށާއި، ޖޯޑަންގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ކުޑަކުދިންނަށާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ މާބަނޑު އަދި ގާތުން ކިރުދޭ މައިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

img:http://s3.psmnews.mv/images/660x400/14653712234934.jpg|ޝެއަރ ދަ މީލް އެޕްލިކޭޝަން

ޑަބްލިއު.އެފް.ޕީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި މަރުވާ 5 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން 45 އިންސައްތައް ކުދިން މަރުވަނީ ބޭނުންވާ ވަރަށް ކާނާ ނުލިބުމުގެ ސަބަބުންނެވެ. ރަމަޟާން މަހާ ދިމާކޮށް މިއެޕްލިކޭޝަނުގެ ޢަރަބި ވާރޝަންއެއް އިއްޔެ ވަނީ ނެރެފައެވެ. މިއެޕްލިކޭޝަން ޢަރަބިބަހުން ނެރުނީ މުސްލިމުންނަކީ ޒަކާތް ދައްކާ ބަޔަކަށް ވެފައި ވީހާވެސްގިނަ ބަޔަކަށް ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުންދާ ކުޑަކުދިންނަށް އެހީފޯރުވައިދިނުމުގެ މަގުފަހިކޮށްދިނުމަށްކަމަށް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްޢިއްޔާއިންބުނެއެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ޑަބްލިއު.އެފް.ޕީގެ މަންދޫބު ޑޮމިނިކް ހެންރިކް ވިދާޅުވީ އެޤައުމުގައި ރަޖިސްޓްރީވެފައިވާ މިލިއަނަކަށްވުރެއް ގިނަ ސޫރިޔާގެ ރެފިއުޖީން ތިބި އިރު، ރެފިއުޖީންގެ ޖުމްލަ ޢަދަދު މިއަށްވުރެ އެތައް ގުނައެއް މަތިވާނެކަމަށެވެ. ލުބުނާނަކީ ސޫރިޔާ ރެފިއުޖީން ދުނިޔޭގައިވެސް އެންމެ ގިނަ ޢަދަދަކަށް ތިބި އެއް ޤައުމެވެ. އަދި ޑަބްލިއު.އެފް.ޕީން ލުބުނާންގައި ދިރިއުޅޭ 700 ހާސް ރެފިއުޖީންގެ އިތުރުން ޙާލުގައި ޖެހިފައިބާ ލުބުނާނުގެ 20 ހާސް މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޕްލިކޭޝަން ބޭނުންކުރުމަށްޓަކާ އެމީހަކު ދޭންބޭނުންވާ މިންވަރަކަށް ކާބޯތަކެތި ފޯރުވައިދިނުމަށް ކްރެޑިޓް ކާޑު، ޑެބިޓް ކާޑު ނުވަތަ ޕޭޕަލް ބޭނުންކޮށް ފައިސާ ދެއްކުމުން ލުބުނާނުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީ ޢައިލާއަކަށް އިލެކްޓްރޯނިކް ވައުޗާއެއް ޑަބްލިއު.އެފް.ޕީ މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. އަދި މި ވައުޗަރ މެދުވެރިކޮށް ލުބުނާނުގެ ބައެއް ފިހާރަތަކުން ބޭނުންވާ ކާނާގެ ބާވަތްތައް މިޢާއިލާތަކަށް ލިބޭނެކަމަށް ޑަބްލިއު.އެފް.ޕީން މައުލޫމާތުދެއެވެ.  

ޝެއަރ-ދަ-މީލް އެޕްލިކޭޝަނަށް ވަނީ މިއަހަރުގެ ކުރީކޮޅު ވެބީ އެވޯޑްސްގެ ޕީޕަލްސް ވޮއިސް އަދި އެސް.އެކްސް.އެސް.ޑަބްލިއު އިންޓަރެކްޓިވް އިނޮވޭޝަން އެވޯޑްވެސް ލިބިފައެވެ.