ދުނިޔެ

ތުރުކީގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި 11 މީހުން މަރުވެއްޖެ


ތުރުކީވިލާތުގެ އިސްތަންބުލްގައި ކާރު ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާއެއްގައި 11 މީހުންމަރުވެ 8 މީހަކު ޒަޚަމްވެއްޖެއެވެ.

ތުރުކީގެ ކަމާއި ބެހޭ ފަރާތްތަކާއި ޙަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮން ގޮއްވާލާފައި ވަނީ އިސްތަންބުލް ޔުނިވަރސިޓީ ކައިރީގައި އޮންނަ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ސަރަޙައްދެއްގައެވެ. މިޙަމަލާގައި ކާރުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

މަންޒަރުދުށް މީހަކާ ޙަވާލާދީ ރޮއިޓަރސްއިން މަޢުލޫމަތުދިން ގޮތުގައި ބޮން ގޮއްވާލުމުގެ ސަބަބުން ފުލުހުންގެ ދެ ވެހިކަލަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ބޮން ގޮއްވާލިތާ ކުޑަ ވަގުތުކޮޅެއްފަހުން އެސަރަޙައްދުން ބަޑީގެ އަޑުވެސް އިވުނުކަމަށް ތުރުކީގެ މީޑިއާއިން ބުނެއެވެ.

ތުރުކީ ވިލާތުގައި މިއަހަރު ތެރޭގައި މިފަދަ ޙަމަލާތައް އިތުރު ވެފައިވާއިރު، މީގެ ތެރެއިން އިސްތަންބުލްގައި ދީފައިވާ ދެ ޙަމަލާއެއްގެ ޒިންމާ އައި.އެސް ހަނގުރާމަވެރިން ވަނީ އުފުލާފައެވެ. އަދި އަންކާރާގައި ދީފައިވާ ދެ ޙަމަލާއެއްގެ ޒިންމާ ކުރުދީ ހަނގުރާމަވެރިން ވަނީ އުފުލާފައެވެ.