ޚަބަރު

ޑެމްބެލޭ އެނބުރި އައި މެޗުން ޕީއެސްޖީއަށް ޕޮއިންޓެއް


ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބެލޭ އެނބުރި އައި މެޗުގައި، ފްރެންޗް ލީގުގައި ރޭ ނީސް އާއި ޕީއެސްޖީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ވަނީ ލީގުގެ ދެވަނައަށް ވެއްޓިފައެވެ. މިހާރު އެއްވަނައިގައި އޮތް އޭއެސް މޮނާކޯއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އޮލިމްޕިކް މާސޭއަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. މިއަދަދަށް ޕޮއިންޓް ލިބިގެން ރެއިމްސް ހަތަރުވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ނުހިމެނުނު ޑެމްބެލޭއަށް ވަނީ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. އެ މެޗުގެ ކުރީން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ވަނީ ޑެމްބެލޭގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އެކަމަކު، އާސެނަލް އަތުން ޕީއެސްޖީ ބަލިވިއިރު އެ މެޗުގައި ޑެމްބެލޭ ފަދަ ހުނަރުވެރި އެޓޭކިންގ ކުޅުންތެރިއެއް ނުހިމެނުމުން އެންރީކޭއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

އެލިއާންޒް ރިވިއޭރާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ނީސްއަށް ލީޑްނަގައިދިނީ އަލީ އަބްދީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ފޮނުވާލި ހަމަލާއަކުން އަބްދީ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައެވެ. މި ގޯލާއެކު ނީސްއިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ޕީއެސްޖީން އެއްވަރުކުރީ އެ ޓީމުގެ ޕޯޗުގީޒް ފުލްބެކް، ނޫނޯ މެންޑޭސް ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ ޑެމްބެލޭ ދިން ބޯޅައަކުންނެވެ. އޭގެކުރީން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ނީސްގެ ގޯލްކީޕަރު، މާސިން ބުލްކާ ވަނީ މަތަކޮށްފައެވެ.

މި މެޗުން ޕީއެސްޖީ މޮޅުކޮށްދޭން އެ ޓީމުގެ ކެޕްޓަން، މާކީނޯސް އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައެވެ.

ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ސްޓްރާސްބޯގްއާ ދެކޮޅަށެވެ.