ޚަބަރު

ރައީސްގެ ދެކަނބަލުންނަށް އިންޑިއާގެ ރިޔާސީ ގަނޑުވަރުން ހޫނު މަރުޙަބާއެއް


  • ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރު

  • މިއީ އިންޑިއާގެ ރައީސްގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެއް

  • މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދު ރަސްމީ މަޝްވަރާތައް ބާއްވަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމްކުޅެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ޚާއްސަ ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަޤާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.