ޚަބަރު

މުވައްޒަފުންގެ ސްކީމްގައި އޭސީސީން ބައިވެރިވެއްޖެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ޙައްޖު ސްކީމްގައި މިހާތަނަށް 19 މުއައްސަސާއަކުން ބައިވެރިވެފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިއަދު ވަނީ އެ ސްކީމުގައި އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބައިވެރިވެފައެވެ.

ފަސޭހަކަމާއެކު ޙައްޖަށް ފައިސާ ދެއްކުމުގެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްޞަދުގައި ޙައްޖު ކޯޕަރޭޝަނުން ތަޢާރަފް ކޮށްފައިވާ ޙައްޖު ސްކީމަކީ ކޮންމެ އަހަރަކު މުވައްޒަފުންގެ މުސާރައިން ކަޑައެޅޭ ވަކި ވަރެއް އުނިކުރެވޭގޮތަށް ޙައްޖަށް ފައިސާ ދެއްކޭނެ މަގު ތަނަވަސް ކޮށްދޭ ސްކީމެކެވެ.

އޭސީސީން ޙައްޖު ސްކީމުގައި ބައިވެރިވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން އެސްކީމްގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ މި ސްކީމްގައި އެ މުއައްސަސާ ބައިވެރިވެވަޑައިގަތުމާއެކު މުވައްޒަފުންނަށް ޙައްޖަށް ދިއުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ސްކީމްގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ޙިއްޞާ އޮންނަ ބައެއް ކުންފުނިތަކުން މިހާތަނަށް ބައިވެރިވެފައިވެއެވެ.