އިޓާލިއަން ލީގުގައި ރޭ ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނަ މަގާމު އިންޓަރ މިލާނުން ހޯދައިފިއެވެ. މި މެޗުގައި އިންޓަރ މިލާނުގެ މާކަސް ތުރާމް ވަނީ ހެޓްރިކެއް ހަދާފަ އެވެ.
ސެރިއާގައި މިހާތަނަށް އިންޓަރ މިލާން އިން 7 މެޗު ކުޅެފައިވާއިރު އެ ޓީމަށް ވަނީ 14 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ނަޕޮލީ އަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި އިންޓަރ މިލާނާއި އެންމެ ވާދަވެރި އޭސީ މިލާނަށް ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު މިވަގުތު އޮތީ ފަސްވަނައިގަ އެވެ.
ޓޮރިނޯ އަށް މި މެޗުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ވިހި ވަނަ މިނިޓުގައި އެ ޓީމުގެ ގުއިލާމޯ މަރިޕަން އަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއެކުގަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ޓޮރިނޯއިން މެޗު ކުޅެން ފެށިތާ ފަސްވަނަ މިނިޓުގައި އިންޓަރ މިލާނުގެ މާކަސް ތުރާމް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދާދީފަ އެވެ. އަދި އޭގެ ދިހަ މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ޓޮރިނޯއިން ކުޅުނު ނަމަވެސް އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ކުޅުން ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ޒަޕާޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 60 ވަނަ މިނިޓުގައި މާކަސް ތުރާމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.
ޓޮރިނޯ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވްލަސިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިޓާލިއަން ސެރިއާގައި ރޭ ޖެނޯއާ އާއި ދެކޮޅަށް އެޓްލާންޓާ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން އެޓްލާންޓާ ވަނީ ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި އެޓްލާންޓާގެ މަޓިއޯ ރެޓެގުއި ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ.