ޚަބަރު

ޕިކްފޯޑް ޕެނަލްޓީ މަތަކުރިއިރު، ނިއުކާސަލް އަތުން އެވަޓަންއަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ގުޑިސަން ޕާކްގައި ކުޅުނު މި މެޗުގައި ނިއުކާސަލްއަށް ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކުރީން، އެވަޓަން އަށް ކުޅުނު އިނގިރޭސި ވިންގް، އެންތަނީ ގޯޑަން ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ފާއިތުވި ހަފްތާގައި އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުކާސްލްގެ ޕެނަލްޓީ ހީރޯއަކަށްވީ ގޯޑަން މި ފަހަރު ފޮނުވާލި ބޯޅަ އެވަޓަންގެ ގޯލް ބަލަހައްޓަމުންދިޔަ އިންގްލެންޑްގެ އެއްވަނަ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. މިއީ މެޗުގެ 35 ވަނަ މިނެޓުގައި އެވަޓަންގެ ޕެނަލްޓީއޭރިޔާ ތެރެއިން ނިއުކާސަލްގެ މިޑްފީލްޑަރު، ސެންޑްރޯ ޓޮނާލީ އަށް ޖޭމްސް ޓާކޯވްސްކީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެކުރީން، މެޗުގެ 18 ވަނަ މިނެޓުގައި އެވަޓަންގެ މިޑްފީލްޑަރު، އަބްދުލާއޭ ޑުކޫރޭ ލަނޑެއްޖަހައިދިންނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

ދެވަނަ ހާފުގައި އެވަޓަންގެ ފޯވާޑް، ޑޮމިނިކް ކެލްވާޓް ލެވިން އަށް ޕެނަލްޓީއޭރިޔާ ތެރެއިން ފައުލްކުރިކަމަށް އެޕީލްކުރިނަމަވެސް ރެފްރީ ކްރެއިގް ޕޯސަން އެ ޓީމަށް ޕެނަލްޓީ ނުދިނުމުން އެވަޓަންގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ނަތީޖާއާއެކު ނިއުކާސަލް އޮތީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މި މެޗުން ލިބުނު އެއްޕޮއިންޓާއެކު އެވަޓަން ވަނީ ހަތް މެޗުން ފަސް ޕޮއިންޓް ހަމަކޮށް، ތާވަލްގެ 16 ވަނަ އަށް ޖެހިލައިފައެވެ.

ލީގުގައި އެވަޓަން ދެން ކުޅޭ މެޗުގައި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު، މި މަހުގެ 19 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. ހަމައެދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.