ޚަބަރު

ޕެލަސް ބަލިކޮށް ލިވަޕޫލުން ލީޑު ދެމެހެއްޓިއިރު، އެލިސަންއަށް އަނިޔާވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 0-1 ގެ ނަތީޖާއަކުން ބަލިކޮށް ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ލީޑު ދެމެހެއްޓިއިރު، އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާއަށް އަނިޔާވެއްޖެއެވެ.

މިއީ މި ފަހަރުގެ ލީގުގައި ލިވަޕޫލް ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ހަވަނަ ފަހަރެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ އާސެނަލް އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ސެލްހާސްޓް ޕާކްގައި ކުޅުނު މި މެޗު ފެށިގެން ލިވަޕޫލުން ޑޮމިނޭޓްކޮށްފައިވާއިރު ފެނިގެންދިޔަ ހަމައެކަނި ލަނޑު، ނުވަވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑުޖެހިފަހުން ޖޮޓާގެ ފަރާތުން ލީގުގައި ފެނުނު ފުރަތަމަ ގޯލެވެ. އަދި މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

ލިވަޕޫލުން ލީޑްނެގުމުގެ ކުރީން، މެޗު ފެށިގެން 22 ވަރަކަށް ސިކުންތުގެ ތެރޭގައި ޕެލަސްގެ ފޯވާޑް، އެޑީ އެންކެޓިއާ ގޯލެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާ އެ ލަނޑު ގަބޫލުނުކޮށްފައެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އަލެގްޒެންޑާ-އާނޯލްޑް ފޮނުވާލި ބޯޅަ ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން ހުއްޓުވިއިރު، ޕެލަސް އަށް އެއްވަރުކޮށްދޭން އިސްމާއިލާ ސާރ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު، އެލިސަން މަތަކުރިއެވެ.

ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ދިން ޕާހަކުން އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު ފޮނުވާލި ބޯޅަ ޕެލަސްގެ ކީޕަރު، ހެންޑަސަން މަތަކުރިއިރު، އެންކެޓިއާ އާއި އެބެރޭޗީ އެޒޭ އަދި ޓްރެވޯ ޗަލޯބާ ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު، އެލިސަން ހުއްޓުވިއެވެ.

މެޗުގެ ފަހު 15 މިނެޓުގެ ކުޅުމުގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު، އެލިސަން އަށް އަނިޔާވެގެން ބަދަލުކުރުމުން ކުޅެން ނިކުތް ވިޓެސްލާވް ޔަރޯސް ބަލަހައްޓަމުންދިޔަ ގޯލަށް ޕެލަސް އިން ނުރައްކާކުރި ނަމަވެސް، ވިލް ހިއުސް އާއި އެޒޭ އަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުން ބަލިވި ޕެލަސް އަށް މިހާތަނަށް ލީގުގައި މޮޅެއް ލިބިފައިނުވާއިރު، ތިން ޕޮއިންޓާއެކު އޮތީ 18 ވަނައިގައެވެ.

ލީގުގައި ޕެލަސް އަށް ދެން އޮތީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރާ މެޗެވެ. ލިވަޕޫލުން މި މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.